މި ފެށުނު 2025 ވަނަ އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ އިސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ފޮނުއްވައިފިއެވެ.
ރައީސްގެ ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށުނު އާ އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވާނެ ކަމުގެ އުންމީދު ކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ މި ތަހުނިޔާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނަށްވެސް ފޮނުއްވާފައެވެ.
މީގެއިތުރުން ރައީސް ރާއްޖޭގެ ރައްޔިތުންނަށް އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ވަނީ މި ފެށުނު 2025 ވަނަ އަހަރާ ރާއްޖެ ބައްދަލުކުރަނީ އުންމީދުތަކާއި ތަރައްގީގެ ތަސައްވުރުތަކާ އެކު ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މިއަދުގެ އަމާޒަކީ ބޯހިޔާވަހިކަމާއި ބޭސްފަރުވާ އާއި އަސާސީ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތު ދިފާއުކުރުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުމްރާނީ ތަރައްގީ ގެނެސް ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ރާއްޖެ ހިޖުރަކުރުން ކަމަށެވެ.
މި ކަންކަމުގެ އަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައި މި ފެށުނު އަހަރުވެގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށޭނެކަމަށާއި ނަތީޖާއަކަށް ވާނީ، އިގްތިސާދީ ފުދުންތެރިކަން އިއާދަ ވާން ފެށުން ކަމަށެވެ.