ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން މާލެއިން ބޭރުން ސިޓީއެއްގައި ހިންގާ ފުރަތަމަ އޮޕަރޭޝަން އައްޑޫ ސިޓީގައި މިއަދު ފަށައިފިއެވެ.
އިމިގްރޭޝަން އިން ބުނީ، 'އޮޕަރޭޝަން ހަމަމަގު' ނަމުގައި ހިންގާ މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުންގެ އޮފިސަރުން ހިމެނޭހެން 35 އޮފިސަރުން ބައިވެރިވާނެ ކަމަށެވެ. 13 ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ އަވަށެއް ވެސް ބެލުމަށް ހަމަޖެހިފައިވާ ކަމަށްާއި އެކި ސަރަހައްދުތައް ބަލައި ފާސްކުރުމަށް ޓީމުތަކަށް އޮފިސަރުން ވަނީ ބަހާލާފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އޮޕަރޭޝަން ހަމަމަގު ފަށާފައި ވަނީ އައްޑޫ ޕޮލިސް ސްކޫލްގަައި ކުރިއަށްގެން ދިޔަ ހާއްސަ ބްރީފިންއަކަށް ފަހު މިއަދު ހެނދުނު 7:00 ގައެވެ. މި ބްރީފިންގައި އޮޕަރޭޝަންގައި ހަރަކާތްތެރިވާންޖެހޭ ގޮތުގެ ތަފްސީލް ހިއްސާކޮށްފައި ވާ އިރު މި އޮޕަރޭޝަންގައި ކޮންޓަރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހާއި އެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ހަމައެއާއެކު އައްޑޫގެ ފުލުހުންނާއި އައްޑޫ ކައުންސިލުން ވެސް މި އޮޕަރޭޝަންގައި ބައިވެރިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް ވަނީ 151،694 މިހުންގެ ބައޯމެޓްރިކްސް ނަގައި، މައުލޫމާތު އެއްކޮށްފައެވެ. ހުއްދަނެތް ވިޔަފާރިތައް ކުރުމާއި ގަވައިދާ ހިލާފަށް އުޅުމުގެ އިތުރުން ކުށުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ވަނީ 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މީގެ އިތުރުން ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދައުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް ވެސް ފަށައި މި މައްސަލަ ހައްލުކުރުމަށް ވެސް ކުރިއެރުންތަކެއް ލިބިފައިވާ އިރު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މިދިޔަ ދޮޅު އަހަރު ތެރޭ ވަނީ ހޯދާފައެވެ.