ބޭރު ފައިސާ މާރު ކުރުމާ ބެހޭ ގަވާއިދާއި ގުޅިގެން، ބޮޑެތި ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްގު ނިންމުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއް ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަމަށްވާއިރު، ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން ކަމަށެވެ. އެހެންކަމުން އެ ހައްގު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީވެސް ޑޮލަރުން ކަމުގައި ގާސިމް ވަނީ ވިދާޅުވެފައެވެ.
މުވައްޒަފު މީހާއަށް ޑޮލަރުން ސާވިސް ޗާޖު ދިނުމަށް އިންކާރު ކުރުމަކީ މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމުގައި ބެލުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް ގާސިމް ވިދާޅުވީ މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ އަދި ގާނޫނީ ވާޖިބެއް ކަމަށެވެ.
އެއާއެކު ގާސިމް ވަނީ މި މައްސަލަ ގާނޫނުގައި ވާ ގޮތުގެ މަތިން މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
މީގެއިތުރުން ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ހަބަރު ލިބިވަޑައިގަންނަވާ ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމުގައި ގާސިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މުއައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުން ކަމަށް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އަމަލުކުރަން ފަށާފައިވާ އިރު، އެ ގަވައިދުގައިވާ ގޮތުގައި ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެއެވެ. ނަމަވެސް އެ ކަން އެގޮތަށް ނުވާނެ ކަމަށް ބުނެ ގިނަ ރިސޯޓު ވިޔަފާރިވެރިން ވަނީ އޭރު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރު ބޭނުން ކުރެވޭ ގޮތަށް ގާނޫނު ފާސްކޮށްފައެވެ.
ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި މިދިޔަ ނޮވެމްބަރު 17 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވައިދާ ގެނައި ބަދަލާ އެކު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށްވެސް ފައިދާ ވާނެ ކަމުގައި ވިދާޅުވެފައެވެ.