ނ. ވެލިދޫ ދާއިރާގެ ތަރައްގީއަށް އެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ގެންދަވަނީ ހުރަސްއަޅުއްވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ފޮއްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ފޮއްދޫގެ ތަރައްގީއަށް ކުރިއަށް ގެންދާ މަޝްރޫއު ތަކުގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭ ކަމަށާއި ނަމަވެސް ދާއިރާގެ މަޖިލިސް މެމްބަރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށެވެ.

ވެލިދޫ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް މެމްބަރު އައްބާސް ހުރަސް އަޅުއްވާކަމަށް ރައީސް ވިދާޅުވެފައި ވާއިރު، އެ ދާއިރާގައި ހިމެނޭ ރަށްރަށަކީ ފޮއްދޫ، ޅޮހި އަދި ވެލިދުވެ.

ހަގީގަތް ހާމަކުރުމުގެ ގޮތުން ދަންނަވާލަން ބޭނުން، ދާއިރާގެ މަޖިލިސް މެމްބަރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ، އެހީތެރިކަމެއް ނުލިބޭ ތަނުގަ މަސައްކަތް ކުރައްވަނީ ކަންކަމަށް ހުރަސްއެޅުއްވުމަށް
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުން އިންތިހާބު ކޮށްފައިވާ ފަރާތެއް، ސިޔާސީ ހިޔާލު ތަފާތުވުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހުރަސްއެޅުއްވުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރައްވަން ޖެހޭނީ އެއަށް ވުރެ ޒިންމާދާރުކޮށް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ އެމްޕީންގެ ކިބައިންވެސް ދާއިރާތަކުގެ ތަރައްގީއަށް ކަންކަން ކުރުމުގައި ހުރަހެއް މިހާތަނަށް އައިސްފައި ނުވާކަމަށާއި، އެހެންކަމުން ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ވެލިދޫ ދާއިރާގެ މެމްބަރުގެ ކިބައިން އެހީތެރިކަމެއް ނުލިބޭ ކަމަށާއި، ނަމަވެސް އެކަމާ މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަން މިދަތުރުންވެސް ހާމަވެގެން ދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު، ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ އަތޮޅުގެ ރައްޔިތުން ނުނިކުތުމަށް އައްބާސް ވަނީ ގޮވާލާފައެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ މަޖިލީހުގެ ތަޅުމުގައި ވެލިދޫ ދާއިރާގެ ރައްޔިތުން ފަހުރުވެރިވާނޭ ވަރަށް އެ ރައްޔިތުންގެ ހައްގުގައި އޭނާ އަޑުއުފުލާފައިވާ ކަމަށާއި އެ ރައްޔިތުންގެ ހައްގުގައި 'ޓަކި' ނުޖަހާ މިނިސްޓްރީ އެއް ކުންފުންޏެއް އަދި ނުގުޅުއްވާ މިނިސްޓަރެއް އަދި އެމްޑީ އެއް ނުހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އައްބާސް ވަނީ ނ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އެކަމާ ސުވާލު އުފައްދަމުން އައްބާސް ވިދާޅުވީ، ދަތުރުގައި އެ ބޭފުޅާ ބައިވެރި ނުކުރެއްވުން އެއީ ދާއިރާއަށް އިންތިހާބުކުރި ރައްޔިތުންގެ މޫނުގައި ކޮޅުފައިންޖެއްސެވުން ކަމަށެވެ.