އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފިއެވެ.

ޔަހޫދީ އިޒްރޭލުން ރޭ ވަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތައް އަމާޒުވެފައި ވަނީ އިރާނުގެ ގިނަ އަދަދެއްގެ ނިއުކްލިޔާ މަރުކަޒުތަކެއްގެ އިތުރުން އިރާނުގެ ވެރިރަށަށް، ތެހްރާން އަށެވެ.

އިޒްރޭލުގެ އެ ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އިރާނުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެގޮތުން 100 އެއްހާ ޑްރޯން އިޒްރޭލު ސަރަހައްދަށް ފޮނުވާލާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެއެވެ.

މެދެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމަ އާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިޒްރޭލުގެ މި އަމަލަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު، އަދި ސަރަޙައްދީ ސުލްޙަ އާއި ސްޓެބިލިޓީއަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. އަދި ހަމަ އެހެންމެ މި ސަރަޙައްދުގައި އިތުރަށް ހަމަނުޖެހުން އުފެދިދާނެ ކަންކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"އިޒްރޭލުން އީރާނަށް ދިން ހަމަލާ އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ސުލްޙަ އާއި ސްޓެބިލިޓީއަށް ނުރައްކާވެދާނެ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އީރާނުން އިޒްރޭލަށް ހަމަލާތައް ދޭން ފެށީ އީރާނަށް ހަމަލާދީ ބައެއް ކޮމާންޑަރުންނާއި ސައިންސްވެރިން މަރާލި "ޖަރީމާ"އަށް ފަހު "ހަރުކަށި އަދަބު ލިބޭނެ ކަމަށް އުންމީދު ކުރަންޖެހޭ" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ އިސްރާއީލަށް އިންޒާރު ދީފައިވަނިކޮށެވެ. އިޒްރޭލުން ރޭ ދިން އެ ހަމަލާގައި އިރާނުގެ އިސް އޮފިޝަލުން އަވަހާރަކޮށްލައި، ބައެއް އާންމުން ވަނީ ޝަހީދުކޮށްލާފައެވެ.