ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް އައްޔަން ކުރައްވާފައި ވަނީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި އެ ކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވައި ލައިދެއްވީ، އެ ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ. އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ މި ދެ ބޭފުޅުންނާއި ހަވާލުކުރައްވާފައެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު ކަމަށް ހަމީދު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 60 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. އަދި ސަލީމް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 61 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ވޯޓުގައި ބައިވެރިވި އެއްވެސް މެންބަރަކު ނުފެންނަ ކަމަކަށް ވޯޓު ނުދެއްވައެވެ.

ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. އެހެންވެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ މަތިން މާކްސް ދީފައި ވަނީ ހަމީދާއި ސަލީމަށެވެ. މި މަހުގެ ދެވަނަ ދުވަހު މި ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ ދެ ބޭފުޅުންގެ ނަންތައް އިތުރަށް ދިރާސާކުރުމަށެވެ. އޭގެ ދެ ދުވަސް ފަހުން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ނިންމީ ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށެވެ.