ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. އެހެންވެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި

  • 12 ބޭފުޅަކާ ޖޭއެސްސީން އިންޓަވިއުކުރި
  • ޖޭއެސްސީން ނިންމީ ސަލީމާއި ހަމީދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން

މި މަހުގެ ދެވަނަ ދުވަހު މި ދެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ނިންމީ ދެ ބޭފުޅުންގެ ނަންތައް އިތުރަށް ދިރާސާކުރުމަށެވެ. އޭގެ ދެ ދުވަސް ފަހުން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީން ނިންމީ ދެ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށެވެ.

ދެ ބޭފުޅުން އައްޔަންކުރަން ރުހުންދޭން ފެނޭތޯ ބެލުމަށް މިއަދުގެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އެހުމުން ހަމީދަށް 60 މެންބަރުން، އަދި ސަލީމަށް 61 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ. ވޯޓުގައި ބައިވެރިވި އެއްވެސް މެންބަރަކު ނުފެންނަ ކަމަކަށް ވޯޓު ނުދެއްވައެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ:

  • އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާ، ނޭޕާލަށް ކަނޑައަޅާ ނަން-ރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރަން ރުހުންދީފައި
  • ސިވިލް އޭވިއޭޝަން އޮތޯރިޓީ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ ކޮމިޓީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާލާފައި