މިއަހަރުގެ ހައްޖުދުވަހާއި އަދި އަޟްހާ އީދު ދުވާހާ ގުޅިގެން އިތުރު ބަންދެއް ނުލިބޭނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ދުވަސް ދިމާވާނީ މިހާރުވެސް ރާއްޖޭގެ ކަލަންޑަރުގައި އޮތް ގޮތަށް ޖޫން މަހުގެ ފަސް ވަނަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައި ވާތީ އީދު ބަންދަށް މިހާރު އޮތް ގޮތް ބަދަލު ނުވާނެ ކަމަށެވެ،
"މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސައޫދީ އަރަބިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން ދަންނަވަން. ހައްޖު ދުވަހާއި އަޟްހާ އީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް." ހީނާ ވަލީދު ވިދާޅުވިއެވެ.
މިއަހަރުގެ ހައްޖު ދުވަސް އަންނަ ޖޫން 5 ވާ ބުރާސްފަތި ދުވަހާއި ދިމާވާއިރު، އީދުގެ ފުރަތަމަ ދެ ދުވަސް ދިމާވަނީ ހަފްތާ ބަންދުގެ ހުކުރު އަދި ހޮނިހިރު ދުވަހަށެވެ. އެހެންކަމުން މިފަހަރު އީދު ބަންދަށް ލިބޭނީ އާދިއްތަ އަދި ހޯމަ ދެ ދުވަހެވެ.