އޭޕްރިލް 18، 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި އޮތުމުން ރޭ އޭނާ ދޫކޮށްލޢިފިއެވެ.

ފުލުހުން ބުނީ، ރައުދުގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އިރުޝާދުދީފައި ވާކަމަށެވެ.

މިޓާޒުގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ހައްވާ ޔުމްނު ރަޝީދު ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ އެ ފުރާޅު މައްޗަށް ވެއްޓެނީ ޖެހިގެން ހުރި ހ. ފެންޓެނޯއީ އަށް ވަދެގެން އުޅުމުގެ ތެރޭގައެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އުމުރުން 21 އަހަރުގެ ރައުދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު އޭނާގެ ބަންދު 4 ފަހަރެއްގެ މަތިން އިތުރު ކޮށްފައި ވެއެވެ.

4 ވަނަ ފަހަރަށް ރައުދުގެ ބަންދު އިތުރުކޮށް އޭނާގެ ބަންދަށް ޖެހި 20 ދުވަހުގެ މުއްދަތު ހަމަނުވަނިސް މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ރައުދު ބަންދުންދޫކޮށްލިއެވެ. އެއަށްފަހު ހަމަ އެ ދުވަހު ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށް އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވެއެވެ.

ޔުމްނު ވެއްޓުނު ރޭ ޔުމްނުއާއެކު ހ. ފެންޓެނޯއީގޭގައި ރައުދުއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު އޭގެ މާ ގިނައިރު ތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ރައުދުއާއި ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނި ކަމަށް ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައި ވާއިރު، އާއިލާގެ އެއްބާރުލުން ލިބިފައި ނުވާތީ މިހާތަނަށް މި މައްސަލައިގައި ޔުމްނުގެ ބަޔާން ނެގިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.