ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ރައުދު އަހްމަދު ޒިލާލްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އުމުރުން 21 އަހަރުގެ ރައުދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު އޭނާގެ ބަންދު 4 ފަހަރެއްގެ މަތިން އިތުރުކޮށްފައިވެއެވެ.
4 ވަނަ ފަހަރަށް ރައުދުގެ ބަންދު އިތުރުކޮށް އޭނާގެ ބަންދަށް ޖެހި 20 ދުވަހުގެ މުއްދަތު ހަމަނުވަނިސް މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ރައުދު ބަންދުންދޫކޮށްލިއެވެ. އެއަށްފަހު ހަމަ އެ ދުވަހު ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށް އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވެއެވެ.
ޔުމްނު ވެއްޓުނު ރޭ ޔުމްނުއާއެކު ހ. ފެންޓެނޯއީގޭގައި އުޅުނު ރައުދުއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު އޭގެ މާ ގިނައިރު ތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ރައުދުއާއި ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނި ކަމަށް ވެސް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނުއާ ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައި ވާއިރު، އާއިލާގެ އެއްބާރުލުން ލިބިފައި ނުވާތީ މިހާތަނަށް މި މައްސަލައިގައި ޔުމްނުގެ ބަޔާން ނެގިފައިނުވާ ކަމަށް ވެސް ފުލުހުން މީގެކުރިން ބުނެފައިވެއެވެ.