ފަނަރަ އަހަރަށް ފަހު، މަޝްހޫރު ޑައިރެކްޓަރު ޕްރިޔާދަރްޝަން އާއި އަކްޝޭ ކުމާރު އެކުގައި މަސައްކަތްކޮށްފައިވާ ފިލްމު "ބޫތް ބަންގްލާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ޝޯބާ ކަޕޫރު، އެކްތާ ކަޕޫރު އަދި އަކްޝޭ ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ލީޑް ރޯލުންވެސް އަކްޝޭގެ އިތުރުން މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އެގޮތުން މި ފިލްމުގެ ބަތަލާގެ ރޯލުން ވަމީގާ ގައްބީ ފެނިގެން ދާއިރު އެކްޓަރު ޕަރޭޝް ރާވަލް އަދި ދާދި ފަހުން ދުނިޔެ ދޫކޮށްފައިވާ ކޮމެޑީ އެކްޓަރު އަސްރާނީ ފެނިގެން ދާނެއެވެ. މީގެ އިތުރުން ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ތާބޫ ފެނިގެން ދާނެއެވެ.

https://youtu.be/D6sCbIv4N7Y?si=9lzZ7CX3QCQrrkK9

މި ފިލްމުގެ ޕްރޮޑެކްޝަން ޓީމުން ބުނީ މިފިލްމު މި މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ރިލީޒްކުރާނެ ކަމަށެވެ. އެހެން ނަމަވެސް ފިލްމުގެ ޕެއިޑް ޕްރިވިއު ޝޯތަކެއް އޭޕްރީލް 16 ވަނަ ދުވަހުގެރޭ 9:00 އިން ފެށިގެން ބަލާލެވޭނެކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. މި ފިލްމުގެ ޓީމުން ބުނީ މިއީ 1965 ވަނަ އަހަރު ގެނެސްދިން ފިލްމު ބޫރް ބަންގްލާގެ ރީމޭކެއް ނޫންކަމަށާއި މިއީ މުޅިން ތަފާތު އެހެން ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ.

ހެއްވާ މަޖާ އަދި ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ޓްރައިލާ ފެށެނީ ސިހުރާ، ޖިންނި ފަދަ ކަންކަމުގައި މަޝްހޫރު މަންގްލަޕޫރު ނަމަކަށް ކިޔާ ރަށެއްގެ ތައާރަފުންނެވެ. މި ފިލްމުގައި އަކްޝޭ ކުމާރު ދިރިއުޅޭ ބޮޑު މެންޝަނެއްގައި އާދަޔާ ހިލާފު ހާދިސާތަކެއް ހިނގާއިރު، މި ހާދިސާގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު ސިއްރެއް ހޯދުމަށް ފިލްމުގެ ކާސްޓުން ކުރާ މަސައްކަތް ފެނިގެން ދެއެވެ.

މި ފިލްމުގައި ބެލުންތެރިންނަށް ހެއްވާ މަޖާ އެތައް ކަމެއް ފެނިގެންދާއިރު، ބިރުވެރި މަންޒަރުތަކާ، ފިލްމުގައި ދެންވާނެ ގޮތެއް ބަލާލުމަށް ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ މަންޒަރުތަކެއް ހިމެނޭކަމަށް ފިލުމުގެ ޓީމުން ވަނީ ބުނެފައެވެ.