މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ތަހުގީގަށް، އާއިލާގެ އެއްބާރުލުން ނުލިބޭތީ މެލޭޝިއާގެ ފުލުހުންނާ ގުޅިގެން ޔުމްނުގެ ބަޔާން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މިހާތަނަށް ވެސް ޔުމްނުގެ އާއިލާގެ އެއްބާރުލުން ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ. އަދި ތަހުގީގަށް އެއްބާރުލުން ލިބުމާއެކު ޔުމްނުއާ ސުވާލުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ތައްޔާރަށް ތިބި ކަމަށެވެ.
އެގޮތުން ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން 2 ފުލުހުން މެލޭޝިއާގައި ތިބި ކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން ބުނީ މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރުމަށް މަސައްކަތް ކުރަމުން ގެންގޮސްފައިވާނެ ކަމަށާއި ޔުމްނުގެ އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
މެލޭޝިއާގައި ފަރުވާ ދެމުންދިޔަ ހޮސްޕިޓަލު ބަދަލުކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައިނުވާކަން ފާހަގަކޮށް ފުލުހުން ބުނީ ފުލުހުންގެ ތަހުގީގު ޓީމުން މިއަދާ ހަމައަށް ވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.
އެހެންނަމަވެސް އެއްބާރުލުން ލިބިފައިނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.