މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން، އެ އޮފީހުގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
2015 ވަނަ އަހަރުން ފެށިގެން އައިކޮމް ހިންގަމުންދިޔައީ 70 އަށްވުރެ ގިނަ އަހަރު ވެފައިވާ ގ. ބިއްލޫރިޖެހިގޭގައެވެ. އޭރުވެސް އެ އޮފީސް ހިންގުން އެ އިމާރާތަށް ބަދަލު ކުރީ މާރާމާތުތަކަށްފަހު ނަމަވެސް ދާދި ފަހުން ވަނީ އެ އޮފީހުގައި މުވައްޒަފުން މަސައްކަތް ނުކުރެވޭ ބޮޑަށް އިމާރާތް ހަލާކުވެފައެވެ.
ފެން ފައިބައި ފަންގަސް ޖަހުމުގެ އިތުރުން ކާޕެޓްތަކާއި މުވައްޒަފުން ބޭނުން ކުރަމުންދިޔަ ފާހާނާ ވެސް ބޭނުން ކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އައިކޮމްއިން މިއަދު ނެރުނު އެންގުމެއްގައި ބުނީ، އެ އޮފީހުގައި މަސައްކަތް ކުރެވެފަދަ މާހައުލެއް މި ވަގުތު ނެތުމުގެ ސަބަބުން، މާދަމާ އިން ފެށިގެން އެ އޮފީހުގެ މަސައްކަތްތަށް ކުރިއަށް ގެންދާނީ އޮންލައިންކޮން ކަމަށެވެ.
އަދި އޮފީހުގެ އެއްވެސް ކަމަކާއި ގުޅޭގޮތުން މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ، 3010990 އަށް ގުޅުމަށްވެސް އެދިފަައި ވެއެވެ.
އައިކޮމް އޮފީހުގެ ހާލަތު ވަރަށް ބޮޑަށް ދަށްވާން ފެށުމުން އޮފީސް އިމާރާތެއް ހިންގަން ފިނޭންސް މިނިސްޓްރީން ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ވަނީ އޮފީސް އިމާރާތެއް ކުއްޔަށް ހިފުމުގެ ހުއްދަ އެ ކޮމިޝަނަށް ދީފަ އެވެ. ނަމަވެސް، ބިޑުގެ އަގު 7.6 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ވާތީ މާލިއްޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ބިޑާ މެދު ގޮތެއް ނިންމައިދިނުމަށް ހަމަ އެ އަހަރުގެ ނޮވެމްބަރު މަހު އެ މިނިސްޓްރީ އަށް ވަނީ ފޮނުވާފައެވެ.
އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށް ފަހު، އޮފީސް ހިންގާނެ ޖާގަ ހޯދަން އިއުލާންކުރާނީ ޓެންޑާ ބޯޑުން ކަމަށް ބުނެފައި ވެއެވެ. އެކަމަކު އިންފޮމޭޝަން ކޮމިޝަނަރުގެ އަހަރީ ރިޕޯޓު އާއްމުކުރުމާ ހަމައަށް ވެސް އެފަދަ އިއުލާނެއް ކޮށްފައި ނުވާ ކަމަށް އެ އިދާރާ އިން ދާދި ފަހުން ބުނެފައި ވެއެވެ.