ސިޔާސީ މުވައްޒަފުންނާއި އެ ފަރާތްތަކަށް ލިބޭ މުސާރައިގެ މައުލޫމާތު ހޯދަން އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެއެވެ.

މި ސަރުކާރުން އައްޔަންކުރި ސިޔާސީ ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އެ މީހުންނަށް ލިބޭ މުސާރައިގެ ތަފުސީލް ހޯދަން ރައީސް އޮފީހުގައި އަމިއްލަ މީހަކު އެދުނު ނަމަވެސް އެ އޮފީހުން ޖަވާބު ނުދިނުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައަޅާފައި އޮތީ ސިޔާސީ ހުރިހާ މުވައްޒަފުންގެ ނަމާއި މުސާރައަކީ ޒާތީ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް ފަސް ދުވަހުގެ މުއްދަތެއް ދިންއިރު، އެ މުއްދަތުގައި އެ މައުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުން ސަރުކާރުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

މިއަދު އުޝާމް ވިދާޅުވީ، މި މައްސަލާގައި ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި މަހުގެ 3 ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމަށެވެ.