މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުން އިސްނަގައިގެން ހާމަކުރަން ލާޒިމްކުރާ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހުރިހާ ވުޒާރާތަކުން ފުރިހަމައަށް ހާމަކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އޮފީހާއި ސަރުކާރުގެ މިނިސްޓްރީތަކުން "ޕްރޯއެކްޓިވް ޑިސްކްލޯޝާ" ނުވަތަ އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ 100 އިންސައްތަ ހާސިލްކޮށްފައިވާ ކަމަށެވެ.

އެގޮތުން ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އިތުރުން ސަރުކާރުގެ ޖުމްލަ 14 މިނިސްޓްރީން ވަނީ ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތަކުގެ ހާމަކަން ބޮޑުކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އާހިދު ސިފަކޮށްފައި ވެއެވެ

އިންފޮމޭޝަން ކޮމިޝަނަރު ވަނީ ކުރިއަށް އޮތް ތަނުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ފާހަގަކޮށްފައެވެ. އެ މަސައްކަތްތަކަކީ:

  • ދައުލަތުގެ ހުރިހާ އިދާރާތަކެއް މިންގަނޑަށް ފެއްތުން: ވުޒާރާތަކުގެ ދަށުން ހިނގަމުންދާ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑަށް ފުރިހަމައަށް އަމަލުކުރަން ފެށުން.
  • މައުލޫމާތު ބެލެހެއްޓުން: ޝާއިއުކުރެވޭ މައުލޫމާތުތަކަކީ އެއިރަކަށް ބޭނުންވާ އެންމެ ފަހުގެ ތާޒާ މައުލޫމާތުކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް އަދާހަމަކުރުން.
  • މިންގަނޑުގެ ފެންވަރު މަތިކުރުން: މައުލޫމާތު ހާމަކުރުމުގައި މިހާރު ހުރި މިންގަނޑުތަކަށްވުރެ މަތީ ހަރުފަތްތަކަކަށް ވާސިލުވުމަށް މަސައްކަތްކުރުން
  • އާރްޓީއައި ސުވާލުތަކަށް އަވަސް ޖަވާބެއް ދިނުން: މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކަށް، ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ޖަވާބު ދިނުން ކަށަވަރުކުރުން.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ އިދާރާތަކުގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، އޮނިގަނޑުގެ ތަފުސީލު ފަދަ މައުލޫމާތުތައް މަދުވެގެން އަހަރަކު އެއްފަހަރު އަމިއްލައަށް އިސްނަގައިގެން ހާމަކުރުން ލާޒިމްކުރެ އެވެ.