ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ ހާއްސ ރަސްމިއްޔާތެއްގައެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
1. ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީކޮށް އަތޮޅުތަކާއި ރަށްތަކުގެ ފެންވަރުގައި ކުޅިވަރު ކުރިއަރުވަން އިހްތިޔާރުތަކަކާއި ފުރުސަތުތަކެއް ލިބުން.
2. ކޮންމެ ކުޅިވަރެއްގެވެސް ސަރަޙައްދީ އެސޯސިއޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ގާނޫނުގެ ދަށުން އުފެއްދުމަށް ކަނޑައެޅުން. އަދި ކޮންމެ ކުޅިވަރެއްގެވެސް ސަރަހައްދީ މުބާރާތްތައް ބާއްވަން ފެށުން.
3. ކުޅިވަރުގެ ވަކި ފަންޑެއް ގާއިމުކޮށް، އެ ފަންޑުން ކުޅިވަރު ކުރިއަރުވަން ހޭދަކުރަން ފެށުން.
4. ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ގާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއެއްގޮތުގައި ހަމަޖެއްސުން
5. މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ދަށުން، ހިނގާ ހާއްސަ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފެއްދުން.
6. ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދޭ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" ވަކި މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ހިންގަން ފެށުން.
7. ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ގާއިމުކޮށް އަމަލުކުރަން ފެށުމަށް ކަނޑައެޅުން. (މިއީ ކުޅުންތެރީންގެ ހައްގުތައް ރައްކާތެރިކޮށް ދީ އިންސާފު ލިބޭނެ ގާނޫނީ ހައިސިއްޔަތު، ދިނުމަށް ފުރުސަތު ފަހިކޮށްދިނުމަށް ކަނޑައަޅާފައިވާކަމެކެވެ).
8. ސްކޫލް ސްޕޯޓްސް ރޭވިގެން ކުރިއަށް ގެންދަން އޮތަށް ފުރުސަތު ފަހިވުން. (މިގޮތުން 'އިންޓާ ސްކޮލާސްޓިކް' ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތައް މި ގާނޫނުގެ ދަށުން އުފައްދައި ހަރަކާތްތެރިވަމުންދާނެއެވެ.)
މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުސަތު، މި ގާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ފަހިވެގެންދާނެއެވެ.
ރައީސްގެ އޮފީހުގައި ބިލް ތަސްދީގުކުރެއްވުމަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މިނިސްޓަރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި އެޓާނީ ޖެނެރަލްގެ އިތުރުން ކޮމިޝަނާ އޮފް ސްޕޯޓްސް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ ރައީސް، ކުޅިވަރުގެ ދާއިރާގެ އެހާރާއި މިހާރުގެ މަޝްހޫރު ބޭފުޅުން ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައީސްވަނީ ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި، މި އިސްލާހާގުޅިގެން އަންނާނެ ބަދަލުތަކާއި ރައްޔިތުންނަށް ލިބޭނެ ފައިދާތަކާގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ.
މި ބިލަކީ، މެއި 5، 2025 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.