މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ބާރުތައް ބަޔާންކޮށް ގަވާއިދެއް އެކުލަވާލައިފިއެވެ.
އިއްޔެ ގެޒެޓްކުރި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮމިޝަނުގެ މަސްއޫލިއްޔަތަކީ ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމެވެ.
އެ ހާދިސާގެ ހަގީގަތް ހޯދާ، އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކޯ ކޮބައިކަން ބެލުން ވެސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު ތަހުގީގުކޮށް ރައީސްއަށް ލަފާދިނުން ވެސް އެ ކޮމިޝަނުގެ މަސްއޫލިއްޔަތުގެ ތެރޭގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދުން ކޮމިޝަނަށް ދީފައިވާ ބާރުތައް:
- ކޮމިޝަންގެ މަސައްކަތަށާއި ތަހްގީގަށް ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހިތެރިކަން ހޯދުން
- ކޮމިޝަނުން ކުރާ ތަހްގީގަށް ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުން
- ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
- ހައްޔަރުކުރުމާއި ޖިނާއީ ތަހްގީގުތަކާ ގުޅޭ އެންމެހާ އަމުރުތަކަށް ކޯޓުގައި އެދުން
- ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ހެއްކާއި ލިޔެކިއުން ހުށަހަޅަން އެންގުން
- ކޮމިޝަނުން ބަލާ މައްސަލައެއް އެހެން ފަރާތަކުން ތަހްގީގުކޮށްފައިވާ ނަމަ އެ ތަހްގީގަކަށް ހޯދާފައިވާ ހެއްކާއި ލިޔެކިއުން ހޯދުން
ރިޔާސީ ކޮމިޝަނުގެ ރައީސްއަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު (ގ. ހަސަންކާރިގެ)އެވެ. އަދި ދެން ކޮމިޝަނުގައި ތިއްބަވާ މެންބަރުންނަކީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި އާމިނަތު އީނާސްއެވެ.
ރިޔާސީ ކޮމިޝަނުން މައްސަލައާ ގުޅުންހުރި ފަރާތްތަކާ ސުވާލުކުރަމުންދާއިރު އެ ކޮމިޝަނުން ވަނީ އާންމުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ޕޯޓަލްއެއް ވެސް ހުޅުވާލާފައެެވެ.