މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާ ދެކޮޅަށް އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވަނީ ހައްވާ ޔުމްނު ރަޝީދު (21 އ) މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީގޭގެ މަތިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު މައްސަލައާއި ގުޅިގެންނެވެ.

އެމްޑީޕީން އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުންކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އެ ގޮތުން އެ ޕާޓީން ބުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުމުގެ ކުރިން އެ ހާދިސާގައި ހިމެނޭ މީހުން މިނިސްޓަރު އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަމަށެވެ. އަދި އެ ކަމުގައި އަމީންގެ އާއިލީ ދެ މީހަކު ހިމެނޭކަން އެނގެން އޮތް ކަމަށާއި އެހެންނަމަވެސް މި މައްސަލައިގައި އަމީންގެ ގެއާއި އާއިލީ ބަޔަކު ހިމެނޭކަން ފޮރުވަން ފުލުހުން މަސައްކަތްކޮށްފައިވާކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން މިނިސްޓަރު އަމީން މަސައްކަތްކުރި ކަމަށެވެ. އަދި އެ މައްސަލައިން އާއިލީ ދެ މީހުން ސަލާމަތްކުރަން ވެސް އޭނާ މަސައްކަތްކުރި ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.

ގާނޫނުއަސާސީގައިވާ ގޮތަށް މަޖިލީހުގެ ކޮންމެ މެންބަރަކުވެސް ގާނޫނުއަސާސީއާއި ގާނޫނަށް ތަބާވެ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރަން ވާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކަމަށާއި އެއްވެސް މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނުވަތަ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ބޭނުންކޮށްގެން ނުވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެހެންކަމުން އަމީން ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުގައި ހުރުމަކީ ރައްޔިތުންގެ ހައްގުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ގަބޫލުކުރެވޭތީ އެ މައްސަލައިގައި އަމީން ވަކިކުރަން ހުށަހަޅާކަަމަށް އެމްޑީޕީގެ ބަޔާނުގައިވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 13:30 ގައެވެ.