ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީ ގޮތުގައި މިދިޔަ އަހަރު 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަމަށް ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ޒަކާތު ހައުސްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު އާންމު ކޮށްފައިވާއިރު، އަހަރީ ރިޕޯޓުގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި ނިމިދިޔަ 2024 ވަނަ އަހަރު ބޭސްފަރުވާގެ އެހީގެ ގޮތުގައި ޖުމުލަ 14،270،549.31ރ. ވަނީ ދީފައެވެ.

ބޭސްފަރުވާގެ އެހީ ފޯރުކޮށްދީފައިވާ ކެޓަގަރީތަކާއި ފޯރުކޮށްދިން ރުފިޔާގެ އަދަދުތައް:

  • ކެންސަރު ބަލި - 3,497,572.50ރ
  • ހިތުގެ ބަލިތައް - 589,429.00ރ
  • ޓްރާންސްޕްލާންޓް - 2,432,531.00ރ
  • ސިކުނޑީގެ ބަލިތައް - 1,232,891.29ރ
  • ފުއްޕާމޭގެ ބަލިތައް - 133,924.00ރ
  • ކިޑްނީ ބަލިތައް - 569,500.50ރ
  • ފިހުން - 165,446.25ރ
  • އެހެނިހެން - 5,649,154.97ރ

އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުން އެހީ ދެނީ ބޭސްފަރުވާ ކުރެވޭނެ މާލީ ތަނަވަސްކަމެއް ނެތް ފަރާތްތަކަށެވެ. ޒަކާތު ހައުސްގެ އަހަރީ ރިޕޯޓުގައި ބުނާ ގޮތުގައި މިދިޔަ އަހަރު ވަނީ ފުދުންތެރިކަން ނެތް މީހުންނަށް ބޭސްފަރުވާގެ އެހީ ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޮމިޓީން 165 ބައްދަލުވުމެއް ބާއްވާފައެވެ.

އަދި ހުށަހެޅިފައިވާ މައްސަލަ ތަކުގެ ތެރެއިން 1318 މައްސަލައަކަށް އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، 1273 މައްސަލައަކަށް އެހީ ހަމަޖެހިފައި ނުވާކަމަށްވެސް އަހަރީ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ޒަކާތު ފަންޑުން ވަނީ ރާއްޖެއާއި ރާއްޖޭއިން ބޭރުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމު ހާސިލްކުރުމަށް ދޭ ސްކޮލާޝިޕް އަދި ހާއްސަ ސްކޮލާޝިޕަށް ކުރިމަތިލުމަށްވެސް ފުރުސަތު ހުޅުވާލާފައެވެ. އޭޕްރީލް 15، 2025 ގައި ހުޅުވާލި މި ސްކޮލާޝިޕަށް އެދުމުގެ މުއްދަތު ވަނީ މޭ 29، 2025 ގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މި ފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތަކެއް ކަމަށެވެ. މި 50 ފުރުސަތުގެ ތެރެއިން ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ހުޅުވާލާފައިވާއިރު ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ވަނީ ހުޅުވާލާފައެވެ.