މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް އެންމެ މަތިން މާކްސް ލިބުނު އެ ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރުގެ ބަދަލުގައި މަޝްހޫރު ޓީވީ ޕްރެޒެންޓަރު މޫސާ ރިޟްވާން އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، ކޮމިޝަންގެ އޭރުގެ ނައިބު ރައީސް މުހައްމަދު ފަޒީން، މިދިޔަ މާޗް މަހުގެ މެދުތެރޭ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ފަޒީން އިސްތިއުފާދެއްވިކަން ހާމަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީ ފޮނުއްވާފައި ވަނީ އޭނާ އެ މަގާމުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި އޮއްވައެވެ.
އެހެންވެ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި 10 ބޭފުޅުންގެ ނަން ދިރާސާކުރުމަށް ފަހު، ކޮމިޓީން ވަނީ ފަސް ބޭފުޅެއްގެ ނަން ތަޅުމަށް ހުށަހެޅުމަށް ނިންމައިފައެވެ. އެއީ:
- ޒީނާ ޒާހިރު: 85.13
- އާމިނަތު ޝިޔާނާ: 83
- ޝިމްލާ އަހްމަދު: 82
- މޫސާ ރިޟްވާން: 81
- ޒަމްއަތު އަހްމަދު ވަހީދު: 77.5
މިއަދު ތަޅުމުގައި މެންބަރުން ވޯޓުދެއްވި ގޮތަށް ބަލާއިރު:
- ޒީނާ ޒާހިރު: ފެންނަ 12، ނުފެންނަ 52
- އާމިނަތު ޝިޔާނާ: ފެންނަ 11، ނުފެންނަ 55
- ޝިމްލާ އަހްމަދު: ފެންނަ 14، ނުފެންނަ 54
- މޫސާ ރިޟްވާން: 70 ފެންނަ
ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން ފާސްކުރި ރިޟްވާނަކީ ޓީވީ ޕްރެޒެންޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސް މެއެވެ. ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރައްވާތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ރިޟްވާން ވަނީ ދައުލަތުގެ ޓީވީ ސްޓޭޝަން ޓީވީއެމްގައި މަސައްކަތްކުރައްވައި، އަލަށް އުފެއްދި ޗެނަލެއް ކަމަށްވާ 'މެންދުރު ޓީވީ'ގެ ސީއޯއޯކަން ވެސް ކުރައްވައިފައެވެ.