ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓް ރައީސް އިފްތިތާހުކޮށް ދެއްވާފައި ވަނީ ބާސެލޯ ނަސަންދުރާގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މަހުގެ 9 ވަނަ ދުވަހުގެ ފެށި މި ސަމިޓަކީ 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ސަމިޓެކެވެ.
ދިވެހިރާއްޖެ 2.0 އަކީ، ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުން ކޮށްގެން ހިދުމަތް ފޯރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ. މިއީ ދައުލަތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު މައުލޫމާތާއި ދޭ ހިދުމަތްތައް ހަލުވި ކަމާއި އިތުބާރާއެކު ފޯރުކޮށްދީ، އިގްތިސޯދު ކުރިއެރުވުމަށްޓަކައި ހިދުމަތް ދެމުންދާ ނިޒާމު ބަދަލުކުރަށް ކަނޑައަޅުއްވާފައިވާ ތަސައްވުރެކެވެ.
ޑިޖިޓަލް ވަސީލަތްތަކުން ރާއްޖެއަށް ގެންނަން އުޅޭ ބަދަލު ބައްޓަންކޮށް، ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަންފާ އާއި ލާބައަށްޓަކައި ރައްޔިތުންގެ ބައިވެރިވުމާއެކު، ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރެވޭނެ ގޮތަކަށެވެ. އަދި ދިވެހިރާއްޖެ 2.0 އާ އެކު ރާއްޖޭގައި ހިންގާ ކޮރަޕްޝަންތައް ވެސް މަދު ކުރެވޭނެ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ 2040 ވަނަ އަހަރު އަންނަން ވާ އިރު ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ބަދަލު ކުރެއްވުމުގެ އަމާޒެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ހުރި މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑު އެއް މައްސަލައަކީ ކޮރަޕްޝަންގެ ވަބާ ކަމަށާއި ރާއްޖެ 2.0 އާއެކު ކޮރަޕްޝަން ނައްތާލެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖެ 2.0 މި ސަމިޓުގައި ސައިބާ ސެކިއުރިޓީ ހަރުދަނާކުރުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ޒާތީ މައުލޫމާތާއި ޑޭޓާ ރައްކާތެރި ކަމާއެކު އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ފޯރުކޮށްދިނުމުގެ އިތުރުން އައިސީޓީ ސެކްޓާގައި ދިވެހިންނާއި ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ގައުމީ ޑިޖިޓަލް އިގުރާރެއްވެސް ވަނީ ރައީސް މުއިއްޒަށް އަރުވާފައެވެ. މި އިގުރާރު ރައީސަށް އަރުވާފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސާއި، މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރާއި އެސްޓޯނިއާ ސަރުކާރުގެ ޓީމެއްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.