ސަރުކާރުގެ އިދާރާތަކުގެ ހިދުމަތްތައް ހަރުދަނާކުރުމަށް އޭއައި ބޭނުންކުރާނެ ދާއިރާތައް ކަނޑައެޅުމަށްފަހު، "ކޯ.ލެބް 26" ހަރަކާތުގެ ތިންވަނަ ދުވަހު އަމަލީ ނަތީޖާ ނެރުމަށް ބާއްވާ "ކޯ.ލެބް 26 ހެކަތަން" ރަސްމީކޮށް ފަށައިފިއެވެ.
މި މަހުގެ 18 އިން 21 އަށް ހޮޓެލް ޖެންގައި ކުރިއަށްދާ މި ގައުމީ ހަރަކާތުގެ ފުރަތަމަ ދެ ދުވަސް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިއަދު ފެށުނު ހެކަތަންއަކީ މި މަޝްރޫއުގެ އެންމެ މުހިންމު އެއް މަރުހަލާއެވެ. މިއަދާއި މާދަމާ ކުރިއަށްދާ މި ހެކަތަންގައި ބައިވެރިވާ ޓީމުތަކުން މަސައްކަތް ކުރާނީ ގައުމީ ފެންވަރުގައި ހުރި ބޮޑެތި ގޮންޖެހުންތަކަށް އޭއައި މެދުވެރިކޮށް އަމަލީ ހައްލުތަކެއް ބިނާކުރުމަށެވެ.
މި ހެކަތަންގައި ޑިވެލޮޕަރުންނާއި، ފަންނީ މާހިރުން އަދި އީޖާދީ ސްޓާޓްއަޕްތައް ގުޅިގެން، ސަރުކާރުގެ ވުޒާރާތަކުން އިސްކަންދީފައިވާ ޔޫސް-ކޭސްތަކަށް ބޭނުންވާ ޕްރޮޓޯޓައިޕްތައް ފަރުމާކުރާނެއެވެ. މީގެ ތެރޭގައި ސިއްހީ، މާލީ، ފަތުރުވެރިކަން އަދި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ޑިޖިޓަލް ވަސީލަތްތައް ހިމެނެއެވެ.
މައިންޑްކޯ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" ޑިޖިޓަލް އެޖެންޑާގެ ދަށުން، ރާއްޖޭގައި އޭއައިގެ ބޭނުން ހިފައިގެން ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ތެރެއިން މިހާރު ވަނީ "މޯލްޑިވްސް އޭއައި ލެބް" ގެ ނަމުގައި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ވެސް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ.
ހަރަކާތުގެ ފުރަތަމަ ދުވަހު ބައިވެރިންނަށް ތައާރަފުކޮށްދިނީ ދުނިޔޭގެ އޭއައި މަސްރަހާއި ރާއްޖޭގެ ތައްޔާރީތައް ހުރި މިންވަރެވެ. އަދި އިދާރާތަކުން އޭއައި ބޭނުންކުރާނެ ގޮތްތައް (ޔޫސް-ކޭސް) ދެނެގަންނާނެ އޮޕަރޭޝަނަލް ފްރޭމްވޯކެއް ބައިވެރިންނަށް އޮޅުންފިލުވައިދީ، "ޔޫސް-ކޭސް ސެލެކްޝަން ސްޕްރިންޓް" އެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ދެވަނަ ދުވަހު އޮތީ ސަރުކާރުގެ އެކި ވުޒާރާތަކުން ހުށަހެޅި "ޕިޗް" ތަކުގެ ސެޝަންތަކެވެ. ސިއްހީ، މާލީ، ފަތުރުވެރިކަން، ތައުލީމީ އަދި ތިމާވެށީގެ ދާއިރާ ހިމެނޭހެން 5 ވުޒާރާއަކުން ވަނީ ކުރިއަށް އޮތް 6 މަހާއި 12 މަސްދުވަހުގެ ތެރޭގައި އޭއައި ސޮލިއުޝަން ފަރުމާކުރުމަށް ޖުމްލަ 16 ޔޫސް-ކޭސްއެއް ހުށަހަޅާފައެވެ. މައިންޑްކޯ އިން މައުލޫމާތުދޭ ގޮތުގައި، މި މަސައްކަތުގައި އާންމުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށްޓަކައި، ހުށަހެޅުނު ޔޫސް-ކޭސްތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ވޯޓުލުން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
ސަރުކާރުގެ އަމާޒަކީ މިފަދަ ޒަމާނީ އީޖާދުތަކުގެ އެހީގައި ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށްދޭ ޚިދުމަތްތަކުގެ ފެންވަރު އާ ހަރުފަތަކަށް ގެންދިއުމެވެ.
