އުއްތަމަ ފަނޑިޔާރުގެ މަގާޟުން ރިޓޔާވެވަޑައިގަންނަވަން އުޅޭ ކަމުގެ އިޝަރާތެއް ދެއްވިތާ ދެމަސް ދުވަސް ފަހުން އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާވެވަޑައިގަތުމަށް ހުށަހަޅުއްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ މިއަދު ހުށަހަޅުއްވާފައެވެ. އެމަނިކުފާނު ރަސްމީކޮށް ރިޓަޔާވެ ވަޑައިގަންނަވާނީ ރިޓަޔާމެންޓްގެ ފުރުސަތު ދެއްވަން ޖޭއެސްސީން ނިންމުމުންނެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވަން ހުށަހެޅުއްވިއިރު، އެމަނިކުފާނު ވަނީ ފަނޑިޔާރުކަމުން ވަކިވެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވާފައި ވަނީ މިދިޔަ ފެބްރުއަީ މަހުގެ މެދުތެރޭގައެެވެ. ވަކީލުކަމާ އަލަށް ގުޅުނު ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވެފައި ވަނީ، އެ މަނިކުފާނަކީ ދުވަސްވީ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ޖަލްސާތަކުން މިހާރު ހުންނެވި ހައިސިއްޔަތުން ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެެވެ.

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގައެވެ. އޭގެކުރިން އެމަނިކުފާނު ވަނީ 2010 އިން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. މުއުއތަސިމްއަކީ ފެހި ގާނޫނުއަސާސީގެ ދަށުން އުއްތަމަ ފަނޑިޔާރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާއެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އެ ދެ ބޭފުޅުންގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު މަގާމުން ސަސްޕެންޑް ކޮށްފައި ވަނިކޮށް އޭނާ މިދިޔަ މަހު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު މަގާޟުން އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި ވަނީ ފަނޑިޔާރު ހުސައިން ޝަހީދު އެ މަގާމަށް އައްޔަން ކޮށްފައެވެ. ފަނޑިޔާރު ޝަހީދުގެ އިތުރުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގޮތުގައި ތިއްބެވީ، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.