ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރެއްވުމަށް ފައްޓަވާފައިވާ "ދިވެހިރާއްޖެ 2.0" ގެ އެންމެ ބޮޑު އެއް މަގްސަދަކީ ކޮރަޕްޝަން ނައްތާލުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ނިޒާމަކީ އޮޓޮމޭޓުކުރެވި ޑިޖިޓަލައިޒްކޮށްފައިވާ ނިޒާމަކަށް ބަދަލުކުރެވިއްޖެނަމަ، މަގާމުގެ ނުފޫޒު ފޯރުވުމާއި ނާޖާއިޒު ފައިދާ ނެގުމަށް ލިބޭ ފުރުސަތު ހަނިކުރެވިގެންދާނެ ކަމަށެވެ. އަދި ދެފުށް ފެންނަ މިންވަރު އިތުރުވެ، މައުލޫމާތު ހޯދައި ލިބިގަތުމުގައި ލުއިފަސޭހަވެ، ބޮޑުތަނުން ކޮރަޕްޝަން ނައްތާލެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގައި މުޅި ސަރުކާރާއި މުޅި ދައުލަތުގެ އިތުރުން، ޕްރައިވެޓް ސެކްޓާގައި ހިމެނޭ މައިގަނޑު ހިދުމަތްތައްދޭ އިދާރާތަކާއި މުއައްސަސާތައް، ޝާމިލުވާ އަދި ލާމެހިފައިވާ ވިއުގައަކުން ގުޅާލެވިފައިވާނޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ކަމަށް ބޭނުންވާ ގާނޫނުގެ ދެލިކޮޕީވެސް އެކުލަވާލަމުންދާކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 4 އަހަރުގެ މި ބިޔަ މަޝްރޫއުގެ ތެރެއިން، ރާއްޖެ ޑިޖިޓަލައިޒްކުރުމުގައި މަސައްކަތްކުރަމުން ގެންދާނީ ޑިޖިޓަލައިޒޭޝަންގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެސްޓޯނިއާ އާ އެކުގައި ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ ފަށާ މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓަކީ މީގެ ފެށުން ކަމަށާއި އެސްޓޯނިއާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ އެއް ބާނީ ހިމެނިވަޑައިގަންނަވާހެން އެސްޓޯނިއާގެ މާހިރުންގެ ޓީމެއް އެ ކޮންފަރަންސްގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެެ.
ދިވެހިރާއްޖެ 2.0 ގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ބޭނުންވަނީ ކުރު ރާސްތާއެއްގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ އެސްޓޯނިއާއިން ފަންސަވީސް އަހަރުން ކުރި ކަންތައް 4 އަހަރުން ކުރެވޭތޯ ކަމަށެވެ. އެސްޓޯނިއާގެ ތަޖުރިބާއިން ދަރިވަރުވެގެން އެކަން ހާސިލުކުރެވޭނޭ ކަމަށް އެސްޓޯނިއާއާގެ ކަމާބެހޭ ފަރާތްތަކުން ވެސް ގަބޫލުކުރާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ބަދަލުތައް ބަލައިގަންނަ މިންވަރަކުންކަން ކަމަށެވެ. އަދި މި ބިޔަ މަޝްރޫއުގެ ތެރެއިން "ޗޭންޖް މެނޭޖްމަންޓް" ނުވަތަ ބަދަލުތައް އިންތިޒާމުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން 2030 ވަނަ އަހަރު އަންނަ އިރު ދިވެހި ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިގްތިސޯދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް ކުރައްވާ އުންމީދު މިއަދުގެ ޕޮޑްކާސްޓުގައި ވެސް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.