އުރީދޫގެ އިންޓަ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް މި ހަފްތާ ބަންދުގައި ފަށަން ނިންމާފައިވާ ކަމަށް އުރީދޫ އިން ބުނެފިއެވެ.
އުރީދޫ އިން ބުނީ މި މުބާރާތަކީ ރިސޯޓް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތް ކަމަށާއި، މި މުބާރާތުގައި 10 ރިސޯޓަކުން 16 ޓީމެއް ވާދަކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އުރީދޫ އިން ބުނީ މި މުބާރާތުގައި މި ޓީމުތައް ވާދަކުރާނީ މޮބައިލް އީސްޕޯޓްސް ޓައިޓަލް ކަމަށްވާ، މޮބައިލް ލެޖެންޑްސްގެ ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލް (ޕަބްޖީއެމް) ގައި ކަމަށެވެ. އުރީދޫއިން ބުނީ އެމްއެލްބީބީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮކްއައުޓް ބުރުތައް ހިމެނޭ ސިންގަލް އެލިމިނޭޝަން ބްރެކެޓަކާއިއެކު ހުކުރު ދުވަހުގެ ރޭ ސެމީ ފައިނަލް މެޗާއި ހޮނިހިރު ދުވަހުގެ ރޭ ބޭއްވޭ ތިން ވަނަ ޕްލޭއޮފް އަދި ގްރޭންޑް ފައިނަލް ކަމަށެވެ.
އަދި ޕަބްޖީއެމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބެޓްލް ރޯޔަލް ފޯމެޓަކާއިއެކު ގްރޭންޑް ފައިނަލްސް ދެ ދުވަހަށް ބަހާލައިގެން ކަމަށާއި އެގޮތުން ހުކުރު ދުވަހު 6 މެޗު އަދި ހޮނިހިރު ދުވަހު އިތުރު 6 މެޗު ކަމަށެވެ.
އުރީދޫ އިން ބުނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ރަނަރަޕް ޓީމަށް 3000 އަދި ތިންވަނަ ޓީމަށް 2000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ އީ-ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް އެންގޭޖްމަންޓާއި ރަހުމަތްތެރިކަމުގެ ވާދަވެރިކަން އިތުރުވެގެން ދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ތަޖުރިބާތައް ކުރިއެރުވުމުގައި އަބަދުވެސް އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. އަދި ހަމައެހެންމެ އެއީ ރާއްޖޭގެ ޓެލެކޮމް ލޭންޑްސްކޭޕްގެ ޕޭސްމޭކާ ވެސް މެއެވެ.