ވާނުވާ ބަންދުގައި ތިބޭ މީހުން ވަކި ހަމައެއްގެ މަތިން މޮނިޓާކުރެވޭނެ އިންތިޒާމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި މޮނިޓާކުރުމަށް މަޝްވަރާކޮށްފިއެވެ.
"ވާނުވާ ބަންދު"ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރާ ފަރާތްތަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.
ވާނުވާ ބަންދުގައި ތިބި މީހުންނާ ގުޅޭގޮތުން ވަކާލާތުކުރާ ފަރާތްތަކުން ވަނީ ސަރުކާރުން އެ މައްސަލައަށް ހައްލު ހޯދުމަށް ކުރައްވާ މަސައްކަތްތަކުގައި އެފަރާތްތަކުގެ ހުރި ހިޔާލުތައް ހިއްސާކޮށްފައެވެ.
އެބޭފުޅުން ހުށަހެޅީ:
- ވާނުވާ ބަންދުގައި ތިބި ފަރާތްތައް ވަކި ހަމައެއްގެ މަތިން މޮނިޓާކުރެވޭނެ އިންތިޒާމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށްފަހު 1 ފުރުސަތު ދިނުމަށް
- އެފަދަ ފަރާތްތަކުގެ މައްސަލަ އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް
މީގެއިތުރުން ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
އިންސާނީ ކަރާމާތް ގެއްލޭފަދަ ކަންކަމަށް ވާނުވާ ބަންދުގައި ތިބި ފަރާތްތައް ހުށަހެޅިފައިވާ ކަމަށާއި އިސްލާމްދީނުގައި މިކަންކަމަށް އޮންނަ ރިވެތި އުސޫލުތައް ފާހަގަކޮށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ އިހުސާންތެރިވުމަށާއި އަދުލުވެރިކަން އިސްކުރުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ދީނުގައި އައިސްފައިވާ ކަންކަމަށް އަލިއަޅުވާލާފައެވެ.
ރައީސް ވިދާޅުވީ ފުރިހަމަ ކަފާލާތުގެ ނިޒާމެއް ގެނައުމަކީ ސަރުކާރުގެ މައި ސިޔާސަތެއް ކަމަށެވެ. މިއަދު ޕްރޮސިކިއުޓާ ޖެނެރަލް އަދި އެޓާނީ ޖެނެރަލާ މަޝްވަރާކުރައްވައިގެން، މޮނިޓާ ކުރެވޭނެ ނިޒާމެއްގެ ތެރެއިން އެ ފުރުސަތު ދިނުމުގައި އެއްވެސް މައްސަލައެއް އުޅޭނެތޯ ބައްލަވާނެކަމުގައި ރައީސް ވަނީ ވިދާޅުވިއެވެ.
ކޯޓު ކޮމްޕްލެކްސް އެޅުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވަގުތީ ގޮތުން ވެސް މައްސަލަތައް ބެލޭނެ އަވަސް އިންތިޒާމެއް ހަމަޖެއްސުމަށް މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. މީގެއިތުރުން ޖަލުތަކުގެ ހާލަތު ބައްލަވާނެ ކަމަށާއި އަދި ބައްދަލުވުމުގައި ފާހަގަކުރެއްވި އެހެނިހެން ކަންކަން ހާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާނުވާ ބަންދުގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ފަރާތްތަކުން ވަނީ އެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެކަމަށް ބެލެވޭ ހައްލުތައް ހިމަނާފައިވާ ކަރުދާހެއްވެސް ރައީސްއަށް ހުށަހަޅާފައެވެ. މި ކަރުދާހުގައި ވާނުވާ ބަންދުގެ ތަފާސް ހިސާބުތަކާއި އެކި މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ.
އެހެން ސަރުކާރުތަކުން މަސައްކަތްކޮށްފައިނުވާ ވަރަށް ވާނުވާ ބަންދުގައި ތިބި މީހުންގެ ބަންދަށް ލުއި ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރާކަން ވަކާލާތުކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ސަރުކާރުން ކުރާ މަސައްކަތްތަކުން ރަނގަޅު ނަތީޖާއެއް ފެނުމުގެ އުންމީދު އެބައޮތް ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.