ތަމްރީން ހަދަނިކޮށް ހާލު ދެރަވި ފުލުސް މީހާއަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެވެ.
ނިޔާވެފައި ވަނީ އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޕޮލިސް ކޮންސްޓެބަލް ހުސައިން ގާއިސްއެވެ
މީގެ ކުރިން ފުލުހުން ބުނީ އެ ފުލުސް މީހާ ހަބަރު ހުސްވެފައިކަން އިނގުނީ ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަރިވަރުންނަށް 'ވޭކް އަޕް' ކޯލް ދިނުމަށް މުދައްރިބުން މިދިޔަ އާދިއްތަ ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު އޭނާއަށް ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން ކަމަށެވެ.
އެއާއެކު އޭނާ އެދުވަހުގެ ފަތިހު 04:27 ގައި މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފެށި ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.
އޭނާގެ ހާލު ކްރިޓިކަލް ކަމަށާއި ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ފުލުހުން އޭރު މައުލޫމާތު ދީފައިވެއެވެ.