ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް، ހިނގާފައި ވަންނަން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ، 23 އަހަރުގެ ރޯހިތު ކުމާރު ކަމަށެވެ.
މިއަދު ހެނދުނު 7:40ހާއިރު، އެއާޕޯޓަށް ދާން އޮންނަ ރުއްޖެހިމަގުން އެ މީހާ ހިނގާފައި ދަނިކޮށް މަޑުކުރަން ފުލުހުން އެންގުމުންވެސް މަޑުނުކޮށް ދުވެފައި ދާން އުޅުމުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އިތުރަށް ބެލިބެލުމުން އޭނާއަކީ ސްޕޮންސާއަށް ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިހާ ހައްޔަރުކުރުމަށް ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެންނަ ގޮތުން އެ މީހާ ހައްޔަރުކުރުމަށް އެއާޕޯޓުގެ ސެކިއުރީޓީންވެސް މަސައްކަތްކުރާ ތަން ފެނެއެވެ. އަދި އެމީހާ ގަދަ ދައްކަމުންދާ މަންޒަރުވެސް ފެނިގެން ދެއެވެ.