40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ މިރޭ 20:30 އެހާކަންހާއިރު ސަބްދެލި މަގު ޗާންދަލިޔާ ކައިރީގައި ހުރި 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޒަހަމްވެފައިވާ މި ފިރިހެން މީހާ އަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އެ މީހާއަށް ލިބުނީ ކޮންކަހަލަ ޒަހަމްތަކެއް ކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގައި ތަހުގީގު ކުރަން ޖެހޭ ކަންކަން ތަހުގީގު ކުރަމުން ދާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުވެސް ވަނީ މާލޭ މާފަންނުގައި ހުންނަ ކެފޭއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައެވެ. ފަހަކަށް އައިސް ސިލްސިލާކޮށް މާލެ ތެރޭގައި އެކި މާރާމާރީ ހިންގާ މިންވަރު މިވަނީ އިތުރުވެފައެވެ.