ފުލުހުންގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސްވެރިޔާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އެ މަގާމުން ވަކިކޮށް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފިއެވެ.
ސާމިހް މަގާމުން ވަކިކޮށް، އެހެން ޑިޕާޓުމަންޓަކަށް ބަދަލުކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ "ދަ ޕްރެސް"އަށް ކަށަވަރުކޮށްދީފައެވެ.
ނަަމަވެސް ސާމިހު އެހެން މަގާމަކަށް ބަދަލުކޮށްފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ނުވަތަ ބަދަލުކޮށްފައިވާ މަގާމުގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
ސާމިހު މަގާމުން ވަކިކޮށްފައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް މި މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނުގެ އާއިލާއިން ގޮވާލާފައި ވަނިކޮށެވެ. އަދި ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގެ ބައިވެރިންވެސް ސާމިހު މަގާމުން ވަކިކުރުމަށް ގޮވާލާފައިވެއެވެ.
ޔުމްނުގެ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ތަހުގީގު ހިންގާފައިވާ ގޮތާމެދު ގިނަ އަދަދެއްގެ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ވަނީ މި ހާދިސާ ހިނގިފަހުން މަގާމުން އިސްތިއުފާދެއްވާފައެވެ.