މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަރުކަޒުގެ ބިންގާ އެޅުމުގެ ހަނދާނީ ބިނާ އިފްތިތާހުކޮށް ދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލްއެލްސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން އީދް އަލް ޘާނީ އެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލްއެލްސީގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން އީދް އަލް ޘާނީ އާއި، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީއީއޯ ނަދީމް ހުސައިން އާއި މިނިސްޓަރ އޮފް ފިނޭންސްގެ ނައިބު އަހްމަދު ސާއިދު މުސްޠަފާ މި ރަސްމިއްތާގައި ވާހަކަފުޅުދައްކަވާފައިވެއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި، އެމްއައިއެފްސީ އިން ތައާރަފު ކުރާ މާލީ އެއްބާރުލުމުގެ އާ ވިސްނުންތަކާއި، އެ މަރުކަޒުގެ އެހީގައި ތަސައްވަރު ކުރައްވާ ކުރިމަގުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ) ގެ މާލީ ފްރީ ޒޯނެއްގެ ގޮތުގައި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނެންޝަލްސް ސެންޓަރު (އެމްއައިއެފްސީ) ރާއްޖޭގައި ގާއިމްކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފައި ވަނީ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

2030 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ މަގްސަދަކީ 4 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ފާހަގަކުރެވޭ ވަރަކަށް އިތުރު ކުރުމެވެ. މިއާއެކު 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް މިމަޝްރޫއުގެ ތެރެއިން ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ލަފާކުރެއެވެ.

އެމްއައިއެފްސީގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ވެނިއުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި، ސަގާފީ ހަރަކާތްތަކާއި، އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބޭއްވޭނެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖެ ވެގެންދާނީ މުހިންމު ބައްދަލުވުންތަކުގެ މަރުކަޒަކަށެވެ. މީގެ ސަބަބުން މިހާރު ވެސް ކުރިއަރާފައިވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މި މަރުކަޒު ގާއިމްކޮށް ނިމޭއިރު ހިމެނޭ ތަންތަނުގެ ތެރޭގައި ބައިނަލްއަގްވާމީ މައި އޮފީސްތަކާއި ސަރަޙައްދީ އޮފީސްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކެއް ހުންނާނެއެވެ. އަދި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި، ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި، އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި، މިސްކިތެއްގެ އިތުރުން، ބައިނަލްއަގްވާމީ ސްކޫލެއް ހިމެނޭހެން ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެއް މި ސަރަހައްދުގައި ގާއިމް ކުރެވޭނެއެވެ.