ހުއްޓިފައިވާ މަޝްރޫއުތަކުގެ ތެރެއިން ގދ. ތިނަދޫގައި ގާއިމްކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ކެމްޕަސް މަޝްރޫއު އިތުރަށް ތަރައްގީކޮށް ދަރިވަރުންނަށާއި މުވައްޒަފުންނަށް ހާއްސަ އެކަމޮޑޭޝަން ބްލޮކެއް އިމާރާތްރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީ އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީ އިން ބުނީ، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ވަކި 3 މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ. އެއީ ކެމްޕަސްގައި 3 ފަންގިފިލާގެ އިމާރާތެއް ހެދުމާއި، ދަރިވަރުންނަށް ހާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމާއި މުވައްޒަފުންނަށް ހާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުމެވެ.
އެގޮތުން ދެވަނަ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކްގައި 31 ކޮޓަރި އާއި ލޯންޑްރީއެއް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ތިންވަނަ މަޝްރޫއުގެ ދަށުން އިމާރާތްކުރާ މުވައްޒަފުންނަށް ހާއްސަ 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކްގައި، 7 ކޮޓަރި އާއި ކެފޭއެއް ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި، ހާއްސަ އިރުޝާދުފުޅުގެ ދަށުން މި ފަދަ މަޝްރުއުތައް އަވަހށް ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
10,000 އިން މަތީގެ އާބާދީއެއް ދިރިއުޅޭ ގދ. ތިނަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަސް ތަރައްގީކޮށް ހިދުމަތް ލިބެން ފެށުމުން، އެ ރަށުގެ ރައްޔިތުންނަށް ތައުލީމީ ރޮނގުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.