ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހަށް ފޮނުވީ އިއްޔެއެވެ

މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ.

އެކަމަކު އެ މައްސަލައިގެ ތަފްސީލު މިހާތަނަށް ހާމަ ނުކުރި ނަމަވެސް ޖޭއެސްސީން ވަނީ އެ ބޭފުޅުންނަށް ތުހުމަތުކޮށް އެހެން ދެ މައްސަލައެއް ވެސް ތަހުގީގުކުރަން ފަށައިފައެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތެވެ.

މި މައްސަލަ ތަހުގީގުކޮށް ނިންމައި ކޮމިޝަނުން ނިންމީ ތަހުގީގު ރިޕޯޓުގައިވާ ގޮތަށް އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމަށެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ އިތުރަށް ދިރާސާކުރުމަށް ފަހު އޭގެ ފަހުން ތަޅުމުގައި ނަގާ ވޯޓަކުންނެވެ.