އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބާއްވައި އުރީދޫން ރެކޯޑެއް ހަދައި ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފިއެވެ.

އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 20 މީހުންނާ އެކު ކަނޑުއަޑީގައި މި ރެކޯޑް ހަދާފައި ވާ އިރު އުރީދޫ އަކީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުގެ ތެރެއިން ޓެކްނޮލޮޖީގެ ގޮތުން 1 ވަނައެވެ.

ބ. ފުޅަދޫގެ ހިތްގައިމު ކަނޑުގެ އަޑީގައި ބޭއްވި މި ރެކޯޑް ބްރޭކިން އިވެންޓުގައި ބައިވެރިވި 20 މީހުންގެ ތެރެއިން ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ފަސް ޕެނަލިސްޓުން ވަނީ ގިނިސް ވާލްޑް ރިކޯޑު ހެދުމަށްޓަކައި ކަނޑު އަޑީގައި ކޮންމެ ޕެނަލިސްޓަކު 2 މިނެޓަށް ވުރެ ގިނައިން ވާހަކަ ދައްކާފައެވެ.

ޕެނަލިސްޓުންގެ ގޮތުގައި ހިމެނުނީ:

• މިނިސްޓަރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް

• އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ

• ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

• އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޝަބީން އަލީ

• އުރީދޫ މޯލްޑިވްސްގެ ސީނިއާ މެނޭޖަރު، ޓްރާންސްމިޝަން އަފްޝީން މުހައްމަދު

މީގެ އިތުރުން މި ޕެނަލް ޑިސްކަޝަންގެ އޯޑިއަންސްގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އިބްރާހިމް އަދި އުރީދޫގެ އިސް ވެރިން އަދި ރާއްޖެއިން ބޭރުގެ މީހުން ވަނީ ބައިވެރިވެފައެވެ.

އުރީދޫއިން ބުނީ އެ ކުންފުނިން ބޭއްވި މި ޕެނަލް ޑިސްކަޝަންގައި ޓެކްނޮލޮޖީ އާއި އިނޮވޭޝަން އަށް އަލިއަޅުވާލާފައިވާކަމަށެވެ. މި ކާމިޔާބީގެ ސަބަބުން އުރީދޫގެ ދައުރަކީ ހަމައެކަނި ޓެލެކޮމް ގެ ހިދުމަތް ދޭ ކުންފުންޏެއް ނޫން ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ބައްޓަން ކުރަމުން އަންނަ ޗޭންޖްމޭކަރެއްގެ ހައިސިއްޔަތުން އުރީދޫގެ ދައުރު ފާހަގަކުރެވިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ ޓެކްނޮލޮޖީ، ހިތްވަރާއި އުފެއްދުންތެރިކަމާ ގުޅިއްޖެ ނަމަ، އަޅުގަނޑުމެން ހީކުރި މިންވަރަށް ވުރެ އިތުރަށް ގެންދެވޭނެ ކަމުގެ ރަމްޒެއް. މިއީ ހަމައެކަނި ރެކޯޑެއް ހެދުމެއް ނޫން. މިއީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ސާބިތުކޮށްދިނުން،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ދުނިޔޭގެ މި އެންމެ ފަހުގެ ރެކޯޑަކީ، ކިތަންމެ ގޮންޖެހުން ބޮޑު ނަމަވެސް، ހުރިހާ މާހައުލެއްގައި ވެސް އިނޮވޭޝަނަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ރަމްޒެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފައެވެ. ކަނޑުގެ އަޑިން ފެށިގެން 5ޖީ ޓެކްނޮލޮޖީއާ ހަމައަށް އުރީދޫއިން ދެމިއޮންނާނީ އިންކްލޫސިވް، ގުޅިފައިވާ އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މަސައްކަތުގައި ސާބިތުކަމާ އެކުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫ އަކީ ފެށުނީއްސުރެ ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ. މިއީ 3ޖީ، 4ޖީ އަދި 5ޖީ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކޮށް، މީހުން ގުޅުވައިދީ، އުނގެނުމާއި، މަސައްކަތްކުރުމާއި، ކުރިއަރަމުން އަންނަ ގޮތަށް އިންގިލާބީ ބަދަލެއް ގެނެސްދިން ކުންފުންޏެވެ. ސްމާޓް ހޯމްތަކުން ފެށިގެން އޭއައި-ޑްރިވެން ސޮލިއުޝަންތަކާ ހަމައަށް ހުރިހާ ކަމެއް ބާރުވެރިކޮށް، ޑިޖިޓަލް-ފަސްޓް ދުނިޔޭގައި ހުރިހާ ސައިޒެއްގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދީ، ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މިއަދު ވެސް އެ ކުންފުނިން ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

އުރީދޫ އިން ބުނީ ޑިޖިޓަލީ ބަދަލުވެގެންދާ ޒަމާނަކަށް ގައުމު ވަންނައިރު، އެ ކުންފުނިން އަންނަނީ އަމިއްލަ ފަރުދުންނާއި މުޖުތަމައުތަކާއި ސިނާއަތްތަކަށް ހުރި ފުރުސަތުތައް ހުޅުވާލާ އިތުރު ކުރަމުންކަމަށެވެ.