މިހާރު ވޯޓެއް ނެގިއަސް ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ރައްޔިތުން ބޭނުންވާނެ ކަން ހާމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ މާލޭގައި މިހާރު ވޯޯޓެއް ނެގި ނަމަވެސް ސަރުކާރުން އެ ހިދުމަތް ދޭން 80 އިންސައްތަ އަށް ވުރެ ގިނަ މީހުން ތާއީދު ކުރާނެ ކަމަށާއި އެއީ ޔަގީންކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މި މަސައްކަތާއެކު ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުންނަށްވެސް ރަނގަޅު އާމްދަނީއެއް ލިބުމަށް މަގުފަހި ވެގެންދާނެ ކަމަށާއި، މީގެ ތެރެއަށް ކިތަންމެ ޓެކްސީ ޑްރައިވަރުންނެއް ވަދެ ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
ފުލްޓައިމް އަދި ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ކުރެވޭނެ ފުރުސަތާއެކު ސަރުކާރުގެ ޓެކްސީ ލައިން ފަށަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. ޓެކްސީ ލައިން ހިންގުމުގެ ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، މި ހިދުމަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ދޭން ވަނީ ނިންމާފައެވެ. އެގޮތުން މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ.
ދެ ވަނަ ފިޔަވަހީގައި 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފް ކުރަން ވަނީ ނިންމާފައެވެ. ތިން ވަނަ ފިޔަވަހީގައި 2028 އާއި 2029 ގައި ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް އެ ހިދުމަތް ތައާރަފް ކުރަން ވަނީ ރާވާފައެވެ.
ސަރުކާރުން ބުނެފައި ވަނީ، މި ހިދުމަތް އެމްޓީސީސީން ފެށި ނަމަވެސް އާންމު ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކަށް އެއްވެސް ދައްޗެއް އަދި ހުރަހެއް ވެސް ނޯންނާނެ ކަމަށާއި އެފަދަ ޓެކްސީ ދުއްވާ ފަރާތްތަކުން، ޕާޓްޓައިމް ވަގުތުގައި ސަރުކާރުގެ ޓެކްސީ ލައިންގައި ހިމެނޭ ޓެކްސީ ދުއްވިދާނެ ކަމަށެވެ. އޭރުން އިތުރު އާމްދަނީއެއް ލިބޭނެ ކަމަށާއި، ސަރުކާރުގެ ޓެކްސީ ލައިންގެ ސަބަބުން އާންމު ޓެކްސީ ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.