ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭ ސަރަހައްދުތަކުގެ ތެރޭގައި މާލޭގެ އިތުރު 3 ސަރަހައްދެއް ކަނޑައަޅައިފިއެވެ.

ހުއްދަ ހޯދުމަކާނުލައި ސުލްހަވެރި އެއްވުންތައް ބޭއްވޭ ސަރަހައްދެއްގެ ގޮތުގައި މީގެކުރިން ކަނޑައަޅާފައި ވަނީ ހަމައެކަނި ހެންވޭރު ކާނިވާ ސަރަހައްދެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭނެ ކަމަށް ކަނޑައަޅާފައިވާ އިތުރު ސަރަހައްދުތަކަކީ:

  • ރަސްފަންނު ސަރަހައްދު
  • މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
  • އުސްފަސްގަނޑު ސަރަހައްދު

ހޯމް މިނިސްޓްރީއިން ބުނީ ހުއްދައާ ނުލައި އެއްވެ އުޅުވޭ އިތުރު ސަރަހައްދުތައް ކަނޑައަޅާފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށެވެ.

މި ބަދަލާއެކު އެ ސަރަހައްދުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ލިޔުމުން ދޭ ހުއްދައާ ނުލައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވުންތައް ނުވަތަ ހިނގާލުންތައް ނުވަތަ އުޅަނދުބުރުތައް ބޭއްވޭނެ ކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.