ފުލުހުންގެ އެންފޯސްމަންޓް ޓީމުތައް މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މިއީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެންފޯސްމަންޓު ޓީމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިކަމުގެ އަމާޒަކީ ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް ކޮށްދިނުން ކަމަށެވެ.

ފުލުހުންގެ އެ ޕޯސްޓާއެކު މާލޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރު ދައްކުވާދޭ ފޮޓޯތައް ވެސް ހިއްސާ ކޮށްފައި ވެއެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި މުގުރި ބުރިތަކާއެކު ހަރަކާތްތެރިވަމުންދަނީ ސްޕެޝަލް އޮޕަރޭޝަން ޔުނިފޯމުގައި ތިބި ފުލުހުންގެ ޓީމުތައް ހަރަކާތްތެރިވަމުންދާ މަންޒަރެވެ.

ފުލުހުންގެ ޓީމެއް މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ / ފޮޓޯ: ފުލުހުން

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވާއިރު މީގެ ކުރިން ވެސް މާލެ ތެރެ ހަލަބޮލި ދުވަސްވަރު ފުލުހުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަމުންދެއެވެ. އަދި މިފަދަ ހާއްސަ ހަރަކާތެއް ފުލުހުން ހިންގަމުންދަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާ ތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ކަން ވެސް ފާހަގަކޮށްލެވެއެވެ.