މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް ނުވަތަ އެމްޑީއާރްއޯގެ ކޭސްތަކެއް އައިޖީއެމްއެޗްގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) އިން ފެނިއްޖެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި އައިޖީއެމްއެޗް އިން ބުނީ ނާޒުކު ހާލަތުގައިވާ ބަލިމީހުންގެ މެދުގައާއި ކްރިޓިކަލް ކެއާ ދެވޭ ތަންތަނުގައި ހޮސްޕިޓަލުން ޖެހޭ އިންފެކްޝަންތައް ނުވަތަ ހޮސްޕިޓަލް އެކުއާޑް އިންފެކްޝަންސް ގިނަ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލުގެ އެންއައިސީޔޫއިން އެމްޑީއާރްއޯގެ ކޭސްތަކެއް ފެނުމާއެކު ވަގުތުން ހަރުދަނާ އިންފެކްޝަން ކޮންޓްރޯލް ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި، މި ހާލަތު މިހާރުވަނީ ކޮންޓްރޯލްކުރެވިފައި ކަމަށެވެ. އަދި މި އިންފެކްޝަން އިތުރަށް ފެތުރިފައިވާކަން ފާހަގަ ކުރެވިފައި ނުވާކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗް އިން އިތުރަށް ބުނީ ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެހެން ބަލިމީހުން ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރަމުން ދާކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރަމުން ދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް އަކީ ތަފާތު އެންޓިބަޔޮޓިކްސް އަށް ނުގުޑާ ނުވަތަ އެ އެންޓިބަޔޮޓިކް ބޭނުން ކުރިއަސް އެ އިންފެކްޝަނުން ރަނގަޅު ނުވާނެ ބާވަތުގެ ބެކްޓީރިއާއެކެވެ.