މިއަހަރު ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 168 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލީ 547 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ކުންފުންނަށް ލިބިފައި ވަނީ 554 މިލިއަން ރފުިޔާގެ އާމްދަނީއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާރާއި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެއް ޕަސެންޓް މި ވަނީ ދަށްވެފައެވެ.

ހަމައެއާއެކު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 168 މިލިއަން ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 462 މިލިއަން ރުފިޔާއެވެ. މިއީ 4 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލި އިރު އުރީދޫގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދަކީ 405،000 އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިންމާލި އިރު މިއަދަދު މި ވަނީ 426،000 އަށް އިތުރުވެފައެވެ.

މިއަހަރު ތެރޭ އުރީދޫ މޯލްޑިވްސް އިން ދީފައިވާ ހިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހިދުމަތްތަކަށް ބަލާއިރު، 2025 ވަނަ އަހަރަށް އާންމު ކުރި ކަލަންޑަރަކީ އެތައް ބައެއްގެ ލޯތައް އެ ކަލަންޑަރަކަށް ހުއްޓިގެން ދިޔަ އެހާމެ އިނޮވޭޓިވް ކަލަންޑަރެކެވެ. ދިވެހި ފްލޯކް ވާހަކަތަކުގައި ހިމެނޭ ކެރެކްޓާތަކަށް ހާއްސަކޮށް ގެނެސްދީފައިވާ މި ކަލަންޑަރުގައި އެމަހެއްގެ ހާއްސަ ކެރެކްޓަރުގެ އޭއައި ޗެޓްބޮޓް އަކާ ވާހަކަ ދައްކާލުމުގެ ފުރުސަތު ވެސް އުރީދޫން ވަނީ ހުޅުވާލާފައެެވެ.

މީގެ އިތުރުން ސެމްސަންގް އީސިމް އެނަބަލްޑް ސްމާޓްވޮޗްތައް ތައާރަފްކޮށް، ވެއާބަލް ކަނެކްޓިވިޓީ އިތުރަށް ކުރިއެރުވުން ހިމެނެއެވެ. އަދި އުރީދޫ ނޭޝަން އިން މިއަހަރުގެ އެންމެ ބޮޑު ގޭމިން އިވެންޓް، އަލްޓިމޭޓް ގޭމިން ފެސްޓިވަލް ބާއްވައި، ރާއްޖޭގެ އެންމެ މޮޅު އީސްޕޯޓްސް ޓެލެންޓް އެއްބައިވަންތަކޮށް، ހިތްގައިމު އަދި ވަރަށް ވާދަވެރި ޝޯކޭސްއެއް ވެސް ވަނީ ބާއްވާފައެވެ.

އުރީދޫއަށް ލިބިފައިވާ ކާމިޔާބީތަކަށް ބަލާއިރު މި އަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި ޝަރަފުވެރި ދެ އެވޯޑެއް ލިބިފައި ވެއެވެ. އެއީ ދަ ލީޑިން ކޮމްޕެނީ އިން ދަ މޯލްޑިވްސް ޓެލެކޮމް ލޭންޑްސްކޭޕް އަދި ބެސްޓް އިނޮވޭޓިވް އެޗްއާރް ޕްރެކްޓިސް އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ - އެއާ އެމްބިއުލާންސް އެވެ.