ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް އެޗްޑީސީން އިން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، "މައި ހުޅުމާލޭ ފެސްޓިވަލް" ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާއެކު ބާއްވާ މި ފެސްޓިވަލް 10 މެއި 2025 އިން ފެށިގެން ހަފްތާއަކަށް ދިގުދެމިގެންދާނެ ކަމަށެވެ.

އެގޮތުން، އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށް ހާއްސަ ހަރަކާތްތައް ހިމެނުމަށް ނިންމާފައި ވެއެވެ.

21 ވަނަ އަހަރީ ދުވަހުގެ ބައެއް ހަރަކާތްތައް:

  • ފޮޓޯގްރަފީ ކޮމްޕެޓިޝަން
  • ފެމިލީ ކާނިވަލް
  • ހުޅުމާލޭ ޑިސްކައުންޓް ވީކް
  • ހެލްތް ކޭމްޕް
  • ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް
  • މަސްރޭސް
  • ސައިކްލިން ޗެމްޕިއަންޝިޕް
  • ބީޗް ފެސްޓް

1997 ވަނައަހަރު ހިއްކަންފެށި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ރަސްމީކޮށް މީހުން އާބާދުކޮށްފައިވަނީ 2004 ވަނަ އަހަރުގެ މެއިމަހުގެ 12 ވަނަ ދުވަހުއެވެ.

ހުޅުމާލެއަކީ އެތައްހާސް ބަޔަކު ދިރިއުޅެމުން އަންނަތަނަކަށްވާއިރު ހުޅުމާލެއަކީ މާލޭގައި ދިރިއުޅޭ އެތައް ބަޔަކުވެސް ހިތްހަމަޖައްސާލާ އުފާވެރި ވަގުތުތައް ހޭދަކުރުމަށްދާތަނަކަށްވާއިރު އެފަދަ ފަރާތްތަކަށް ހިތްހަމަޖެހޭ ފަދަ ވަގުތަކެއް ހޯދޭނެ މަގުފަހިކުރުމަށް އެޗްޑީސީން ޢާއްމު މައިޒާންތަކާއި ޕާކުތަކާއި ބީޗުވަނީ ތަރައްގީކޮށްފައެވެ.