ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ކަމަށެވެ. ސަބަބެއް ކަމަށް ނާޒިލް ވިދާޅުވީ އެމްޑީޕީން މި ނިންމުން ނިންމީ ޒުވާނުން ކުރަމުންދާ އިހްތިޖާޖުތަކާއި ނޫސްވެރިންގެ ވާހަކަތަކާއި ޕާޓީން އެއްކުރި މައުލޫމާތުތަކަށް ފަހު ކަމަށެވެ.
މި މައްސަލަ އެމްޑީޕީން ހުށަހެޅި އިތުރު ސަބަބެއްގެ ގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އަމީން ދިރިއުޅުއްވަމުން ގެންދަވާ މއ. މާންދޫގެ ދެކުނުގެ އިމާރާތުގެ ސެކިއުރިޓީ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެ، ފުޓޭޖް ނުދިނުން ހިމެނޭ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން އޭނާ އާއި، މި މައްސަލައިގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް ގ. ކަށިވެލި ގެއަށާއި އަމީންގެ މާންދޫގެ ދެކުނުގެއަށް ދިޔައެވެ. މި ހާދިސާ ހިނގި ވަގުތު އަމީން ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ގިނަ ޒުވާނުން ދަނީ މައްސަލައިގެ ތަހްގީގުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި ވަކި ގޮތަކަށް ފުލުހުން އަމަލުކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ހާދިސާގެ ބައިވަރު ކަންކަން ފޮރުވަން ފުލުހުން މަސައްކަތްކުރާ ކަމަށް ބުނެފައެވެ. އެހެންވެ މި މައްސަލަ ބެލުމަށް ރައީސް ވަނީ ހާއްސަ ކޮމިޝަނެއް މިދިޔަ ހަފްތާ ބަންދުގައި އުފައްދަވައިފައެވެ.
މި މައްސަލައިގައި ރައުދު ހައްޔަރުކޮށް އޭނާ ހިމެނޭހެން، ހާދިސާ ހިނގުމުގެ ކުރިން ޔުމްނާ އެކު އެންމެ ފަހުން އުޅުނު އަށް މީހުންގެ ފޯނު ހިފަހައްޓައި ރާއްޖޭން ބޭރަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހްގީގުގައި އެއްވެސް އިހުމާލެއް ވޭތޯ ބަލައި އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް ވެސް ވަނީ އަމުރުކުރައްވައިފައެވެ.