އެޗްޑީސީން ހަވާލުކުރާ މަޝްރޫއުތަކަށް ކުރިމަތިލާ ކުންފުނިތަކުން އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިވާ ކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ ކުންފުނިތަކާއި ވިޔަފާރިތަކަށް އިތުރު މަޝްރޫއުތައް ހަވާލުނުކުރުމަށް އެ ކޯޕަރޭޝަނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.
އެކި ފަރާތްތަކަށް ވިޔަފާރިކުރުމަށް އެޗްޑީސީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކަށް ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާ މައްސަލަ ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ރިޕޯޓުގައިވާ ގޮތުން، ޖުމްލަ 1.42 ބިލިއަން ރުފިޔާ އެ ކޯޕަރޭޝަނަށް ލިބެން ޖެހެއެވެ. އެއީ:
- އުވާލާފައިވާ ކޮންޓްރެކްޓްތަކުން ލިބެން ޖެހޭ 195.6 މިލިއަން ރުފިޔާ
- ހިނގަމުންދާ ކޮންޓްރެކްޓްތަކުން ލިބެން ޖެހޭ 1.22 ބިލިޔަން ރުފިޔާ
ކޮމިޓީ ރިޕޯޓުގައިވާ ގޮތުން، އެޗްޑީސީ އަށް ސަރުކާރުގެ މުއައްސަސާތަކުން 54.5 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އަދި އެސްއޯއީތަކުން 200.5 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، އަމިއްލަ ފަރާތްތަކުން 1.16 ބިލިއަން ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައިވާ ގޮތުން، އެޗްޑީސީއަށް ކުލި ނުދެއްކުމުގެ ސަބަބުން، އެ ކޯޕަރޭޝަނުން ކުއްޔަށް ދޫކުރި 188 ބިމުގެ އެއްބަސްވުމެއް ބާތިލްކޮށްފައިވެއެވެ. އޭގެ ތެރެއިން 64 ބިމެއް އެހެން ފަރާތްތަކަށް ކުއްޔަށް ދީފައިވާއިރު، 16 ބިމެއް އެޗްޑީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި 28 ބިމެއް އެއް ގޮތަކަށް ވެސް ކުއްޔަށް ނުދޭން އެޗްޑީސީން އެ ކޯޕަރޭޝަންގެ އާ މާސްޓާޕްލޭންގެ ދަށުން ނިންމާފައިވެއެވެ.
މާލިއްޔަތު ކޮމިޓީ އާ އެޗްޑީސީން ހިއްސާކުރި އިތުރު މައުލޫމާތުގައިވާ ގޮތުން، މިވަގުތު އެލޮކޭޝަން ސްޓޭޓަސްގައި އެއްވެސް އެއްޗެއް ބަޔާންކޮށްފައިނުވާ 32 ބިމަކުން 9.27 މިލިއަން ރުފިޔާ އެ ކޯޕަރޭޝަނަށް ނުލިބިވެއެވެ. އެއީ:
- ދައުލަތުގެ އިދާރާތަކުން 425،406.30ރ
- ޕަބްލިކް ކުންފުނިތަކުން 21،400ރ
- އަމިއްލަ ކުންފުނިތަކުން 3.60 މިލިއަން ރުފިޔާ
- އަމިއްލަ ފަރާތްތަކުން 5.23 މިލިއަން ރުފިޔާ
ކޮމިޓީއަށް އެޗްޑީސީން ދިން މައުލޫމާތުގައިވާ ގޮތުން، އެ ކޯޕަރޭޝަނަށް ލިބެންޖެހޭ 1.42 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 221.9 މިލިއަން ރުފިޔާއެވެ. އެއީ އެ ކޯޕަރޭޝަނަށް ލިބެން ޖެހޭ ފައިސާގެ 15.6 ޕަސެންޓެވެ.
ކޮމިޓީން ވަނީ، ކުލީގެ ގޮތުގައި އެޗްޑީސީއަށް ފައިސާ ނުދައްކާ ގިނަ ކުންފުނިތަކަކީ ހުޅުމާލޭގައި ގިނަ ބިންތައް ނަގައި އެ ބިންތައް ބޭނުންކޮށްގެން ވިޔަފާރިކުރަމުންދާ ކުންފުނިތައް ކަމާއި، އެ ފަރާތްތަކަށް އެޗްޑީސީން އިތުރު ބިންތައް ދޫކޮށްފައިވާކަން ވެސް ފާހަގަކޮށްފައެވެ. އަދި އެ ކުންފުނިތަކުން ސަރުކާރުގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހަމަ އެހެންމެ، އެޗްޑީސީން ކުއްޔަށް ދޫކުރި ބިންތަކުގެ ތެރެއިން ބައެއް ބިންތަކުގެ އެއްބަސްވުން އުވާލާފައިވީ ނަމަވެސް މަދުން ނަމަވެސް އެ ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކުން ބޭނުންކުރަމުންދާ ކަމަށާއި، އެކަމަކު އެޗްޑީސީން އެ ފަރާތްތަކަށް ފިޔަވަޅު ނާޅާ ކަން ވެސް އެ ރިޕޯޓުގައި ވެއެވެ.
މާލިއްޔަތު ކޮމިޓީން މި ކަމުގައި އެޗްޑީސީން ދިން ލަފާތަކަކީ:
- އެޗްޑީސީން ވިޔަފާރިއަށް ދޫކުރި ބިންތަކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލައި، އޭގެ ތަފްސީލު 30 ދުވަހުގެތެރޭ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެޗްޑީސީއަށް އެންގުމަށް
- އެޗްޑީސީއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ އެސެޓްތަކުގެ އެސްޓިމޭޓަޑް މާކެޓްތައް ހޯދައި، އެ ކޯޕަރޭޝަނަށް ހިފެހެއްޓުމުގެ އިހްތިޔާރު ލިބިގެންވާ އެސެޓުތައް ހިފަހައްޓައި ހޯދަން ޖެހޭ ފައިސާ ހޯދުމަށް އެންގުމަށް
- ބިންތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް މުއްދަތު އިތުރުކޮށްދިނުމާއި މައާފު ދިނުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލައި ކޮމިޓީއަށް 30 ދުވަހުގެ ތެރޭ އެންގުމަށް
- އެޗްޑީސީން އަލަށް ހަވާލުކުރާ މަޝްރޫއުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ފަރާތެއްތޯ ކަށަވަރުކުރުމަށް ފަހު ނޫނީ އިތުރު މަޝްރޫއެއް އެ ފަރާތްތަކާ ހަވާލުނުކުރުމަށް