ރަސްފަންނު މޫދަށް އެޅިފައިވާ ކަޅުތެޔޮ ސާފުކޮށް ނިންމާ އެ ސަރަހައްދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބުނެފިއެވެ.

މާލެ ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރުމަށް ފުލުހުން މިއަދު ހެނދުނު ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް އެ ސަރަހައްދު ސާފުކޮށް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން އެ ސަރަހައްދު ބަލަހައްޓައި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އެ ސަރަހައްދަށް ކަޅު ތެޔޮ އެޅުނު ގޮތް އަދި ހޯދިފައި ނުވާ އިރު، މިއީ އެ ދިމާލުން ކަނޑުގެ ސަރަހައްދަށް އެޅިފައިވާ ކަޅު ތެޔޮ ކަމަށް ބެލެވެއެވެ. އަދި މޫދުގެ އޮއެވަރާ އެކު ރަސްފަންނަށް އެ ކަޅުތެޔޮ އައިސްފައިވާ ކަމަށް ބެލެވެއެވެ.

ރަސްފަންނަކީ މާލެ ސިޓީގައި މީހުން މޫދަށް އެރުމަށް ހާއްސަކޯށް ހަދާފައިވާ އާޓިފިޝަލް ދެ ބީޗުގެ ތެރެއިން މާފަންނު ސަރަހައްދުގައި ގާއިމްކޮށްފައިވާ ބީޗެވެ. މި ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ކުޑަކުދިންނާ އެކު މޫދަށް އެރެން އަންނަ އިރު، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން ވެސް މޫދު ކަސްރަތު ކްލާސްތައް ވެސް މި ސަރަހައްދުގައި ކުރިއަށް ގެންދެއެވެ.

މީގެ ކުރިން ވެސް މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން އެ ސަރަހައްދުތައް ސާފުކޮށްފައި އެބަހުއްޓެވެ. އެ ގޮތުން 2023 ވަނަ އަހަރު ފެށުނު އިރު ވަރަށް ގިނަ އަދަދެއްގެ ކަޅު ތެލޮ މާލޭ ތިން ނަންބަރު ޖެޓީ ކައިރިއަށް އެޅިފައިވާ މައްސަލައެއް ފެންމަތިވިއެވެ. ގާތްގަނޑަކަށް 700 ލީޓަރު ކަޅުތެޔޮ އެ ސަރަހައްދުން އޭރު ނަގާފައި ވެއެވެ.