ތަފާތު ދާއިރާތަކުން ރާއްޖޭގައި އިންވެސްޓު ކުރުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

މެލޭޝިއާގެ ޕްރައިމް މިނިސްޓަރުގެ ދައުވަތަކަށް ރައީސް މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި ޖޮއިންޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި އިގްތިސާދީ ހާއްސަ ސަރަހައްދުގައްޔާއި ވިޔަފާރީގެ ދާއިރާގެ އިތުރުން މާލީ އަދި ކަނޑުތަކުގެ ދާއިރާގައި އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މެލޭޝިއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓު ކުރުމަށް ދައުވަތު ދެއްވަމުން ރައީސް ވިދާޅުވީ މި ފަދަ ފުރުސަތުތައް މެދުވެރިކޮށް، ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ ގުޅުން އިތުރަށް ބަދަހި ކުރެވިގެންދާނެ ކަމަށެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ، ދެ ގައުމުން ހިއްސާކުރާ އިސްލާމީ އަގީދާ އާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވަނީ ފަލަސްތީނުގެ މައްސަލައިގައި މެލޭޝިއާއިން ގެންގުޅޭ ސިޔާސަތަށް ދިވެހިރާއްޖެއިން ތައުރީފު ކުރައްވާކަމަށާއި، މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުން ކުރާ ހައްގު ދައުވާއަށް ތާއީދުކުރެއްވުމުގައި ސާބިތުވެ ތިއްބެވިކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު މެލޭޝިއާއަށް ވަޑައިގަތުމާއެކު އެ މަނިކުފާނަށް މެލޭޝިއާގެ ސަރުކާރުން ވަނީ ރަސްމީ ގޮތުން މަރުހަބާ ދަންނަވާފައެވެ. އެގޮތުން މިއަދު ހެނދުން މެލޭޝިއާގެ ޕުޓުރާޖާޔާއަށް ރައީސް ވަޑައިގަތުމާއެކު މަރްހަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައިސް މުއިއްޒު ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައި ވެއެވެ.