ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް މި ފެށޭ މޭ މަހު ގޯތިތަކުގެ ރެޖިސްޓްރީ ހަވާލުކުރަން ފަށާނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގުޅިފަޅުން 2،000 އަށް ވުރެ ގިނަ ގޯތި ދިނުމަށާއި، ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 ފަރާތެއްގެ ގޯތި ގުޅީފަޅަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.
ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގުރު މިދިޔަ އޮކްޓޯބަރު މަހު ވަނީ ނަގައިފައެވެ. އެކަމަކު އަދި އެ ގޯތިތަކުގެ ރެޖިސްޓްރީ ހަވާލެއް ނުކުރެއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ސުވާލަށް ޖަވާބުދެއްވަމުން މުއްތަލިބު މިއަދު ވިދާޅުވީ، ހުޅުމާލެއިން ދޫކުރާ 1،407 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2،438 ގޯއްޗާއި ގިރާވަރު ފަޅުން ދޫކުރާ 5،187 ގޯއްޗާ އެކު ބިންވެރިޔާ ސްކީމްގެ ދަށުން 9،031 ގޯތި ދޫކުރަން ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިހާރު ވެސް 624 ފަރާތަކާ ގޯތި ހަވާލުކޮށްފައިވާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ގުޅިފަޅުން ގޯތި ދޫކުރުން މަޑުޖެހިފައިވަނީ މި ވަގުތު އެ ސަރަހައްދުގައި ތިލަމާލެ ބްރިޖްގެ މަޝްރޫއާ ގުޅުންހުރި މަސައްކަތްތައް ކުރިޔަށް ދާތީއެވެ.
"ނަމަވެސް ޕްލޭނަށް ބަދަލުތަކެއް ގެނެސްގެން ވީހާވެސް ގިނަ ފަރާތްތަކަށް ވީހާ ވެސް އަވަހަކަށް ހަވާލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު މިނިސްޓްރީން ކުރަނީ،" އޭނާ ވިދާޅުވިއެވެ.
އެގޮތުން އަންނަ މަހު ގޯތިތައް ހަވާލުކުރަން ފަށާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އިންޑިއާއިން ދޭ ލުއި ލޯނެއްގެ އެހީގައި ގުޅީފަޅުގައި އިތުރު 4،000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ހިންގާނެކަން ހާމަކުރައްވައިފައެވެ.