މާލެ ރަސްފަންނު މޫދަށް މިހާރު ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން އެ ސަރަހައްދު ބަލަހައްޓައި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ ގޮނޑުދޮށާ ކައިރީ ސަރަހއްދުގައި ކަޅުތެޔޮގެ އަސަރު އެބަ ހުރި ކަން އާންމުކޯށްފައިވާ ފޮޓޯތަކުން ފެނެއެވެ. އެ ސަރަހައްދަށް ކަޅު ތެޔޮ އެޅުނު ގޮތް އަދި ހޯދިފައި ނުވާ އިރު، މިއީ އެ ދިމާލުން ކަނޑުގެ ސަރަހައްދަށް އެޅިފައިވާ ކަޅު ތެޔޮ ކަމަށް ބެލެވެއެވެ. އަދި މޫދުގެ އޮއެވަރާ އެކު ރަސްފަންނަށް އެ ކަޅުތެޔޮ އައިސްފައި ވާ ކަމަށް ބެލެވެއެވެ.
ރަސްފަންނަކީ މާލެ ސސިޓީގައި މީހުން މޫދަށް އެރުމަށް ހާއްސަކޯށް ހަދާފައިވާ އާޓިފިޝަލް ދެ ބީޗުގެ ތެރެއިން މާފަންނު ސަރަހއްދުގައި ގާއިމްކޮށްފަިއވާ ބީޗެވެ. މި ސަރަހއްދަށް ގިނަ އަދަދެއްގެ މީހުން ކުޑަކުދިންނާ އެކު މޫދަށް އެރެން އަންނަ އިރު، އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުން ވެސް މޫދު ކަސްރަތު ކްލާސްތައް ވެސް މި ސަރަހައްދުގައި ކުރިއަށް ގެންދެއެވެ.
މީގެ ކުރިން ވެސް މާލޭ ފަޅުތެރެއަށް ކަޅުތެޔޮ އެޅިގެން އެ ސަރަހައްދުތައް ސާފުކޮށްފައި އެބަހުއްޓެވެ. އެ ގޮތުން 2023 ވަނަ އަހަރު ފެށުނު އިރު ވަރަށް ގިން އަދަދެއްގެ ކަޅު ތެލޮ މާލޭ ތިން ނަންބަރު ޖެޓީ ކައިރިއަށް އެޅިފައިވާ މައްސަލައެއް ފެންމަތިވިއެވެ. ގާތްގަނޑަކަށް 700 ލީޓަރު ކަޅުތެޔޮ އެ ސަރަހއްދުން އޭރު ނަގާފައި ވެއެވެ.