ކުރީ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުން ގެންދާ މައްސަލަތަކާ ގުޅުންހުރި އެއްވެސް ލިޔެކިއުމެއް ނެތިގެން ގޮސްފައިވާކަން ފާހަގަނުވާ ކަމަށާއި، ނަމަވެސް އެ ސްކީމާ ގުޅޭ ލިޔެކިއުންތަކުގެ ހާޑްކޮޕީ ނެތިގެން ގޮސްފައިވާ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތި ހަވާލުކުރަން މަސައްކަތްކުރި މައްސަލައިގެ ތަހްގީގަށް ބޭނުންވާ ލިޔުންތައް އަނދާފައިވޭތޯ ސުވާލު ކުރައްވައިފައެވެ.

ޖަވާބުގައި މުއްތަލިބު ވިދާޅުވީ، ބިންވެރިޔާ ސްކީމާ ގުޅިގެން ބަލަމުންދާ މައްސަލަތަކުގެ މައުލޫމާތު ކަމާ ގުޅުންހުރި ދައުލަތުގެ މިނިވަން މުއައްސަސާތަކަށް މިހާރު ވެސް ފޯރުކޮށްދެމުންދާ ކަމަށާއި، ތަހްގީގަށް ބޭނުންވާ އެއްވެސް ލިޔެކިއުމެއް އަނދައިގެން ގޮސްފައިވާ ކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކާ ގުޅޭ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތިގެން ގޮސްފައިވާކަން މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވޭ.

"އެހެން ނަމަވެސް އަލިފާނުގެ ހާދިސާ ހިނގައިގެން ދިޔައިރު އިމާރާތުގައި ހުރި ބިންވެރިޔާ ސްކީމާގުޅޭ ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެން ގޮސްފައިވާކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީ އޭރު ހިންގި ގްރީން ބިލްޑިން ކޮމްޕްލެކްސް ބޭނުންނުކުރެވޭ ވަރަށް އެނދުމުގެ ސަބަބުން އެ ތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފައެވެ. އެހެންވެ ހައުސިން މިނިސްޓްރީގެ އެންމެހާ މަސައްކަތްތައް ދަރުބާރުގެ އަށް ވަނީ ބަދަލުކޮށްފައެވެ.