ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބަލައި ނިމޭއިރު އެއްވެސް މީހެއް ތަފާތުކުރެވިގެން ނުވާނެ ކަމަށާއި، އެ މައްސަލައިގެ ހޯދުންތައް ވަރަށް އަވަހަށް ލިބިގެން ދާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މެލޭޝިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފެށްޓެވުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ހުންނަވައި ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މި ސަރުކާރުން އަމަލުކުރާނީ އިންސާފުގެ މަގުން ކަމަށާއި، އެއްވެސް މީހަކާ މެދު ތަފާތުކުރުމާއި އަނިޔާވެރިކަން ގެންގުޅުމަކީ އެމަނިކުފާނުގެ އުސޫލެއްނޫން ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، މިއަދާ ހަމައަށް ވެސް ސަރުކާރުގެ އުސޫލަކީ ކަމުގެ ހަގީގަތް ހޯދައި އިންސާފު ގާއިމްކޮށްދީ، ކުށްކުރި ފަރާތް ދެނެގަނެ، ގާނޫނުގެ ތެރެއިން އަދަބުދިނުން ކަމަށެވެ.
މި ހާދިސާ ތަހްގީގުކުރުމަށް އެމަނިކުފާނު ރޭ އުފެއްދެވި ހާއްސަ ކޮމިޝަނާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ ކޮމިޝަން ރަނގަޅަށް މަސައްކަތްކުރާނެ ކަމަށާއި، މައްސަލައިގެ ފުނަށް ދިއުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ކޮމިޝަންގެ ފަރާތުން ހޯދުންތައް ލިބި، ފުލުހުންގެ ތަހްގީގުވެސް ކުރިޔަށް ދާނެއެވެ.
"އަޅުގަނޑު ބޭނުންވަނީ ވަރަށް ދެ ފުށް ފެންނަ ގޮތެއްގަ ވަރަށް ޒިންމާދާރުގޮތެއްގަ މި މައްސަލަ ބަލައި ނިމެން، އަދި ބަލައި ނިމޭއިރުގަ އެއްވެސް މީހަކީ ތަފާތުކުރެވިގެން ވާނެ މީހަކަށް ވެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ވަކި މީހަކު ހިމާޔަތްކުރަން އެމަނިކުފާނަށް މުހިންމުނޫން ކަމަށާއި، އެކި ސަބަބުތަކާ ހެދި މީގެ ކުރިން ވެސް ފިޔަވަޅު އަޅުއްވައި ނިންމުންތައް ނިންމަވާފައި ވާނެ ކަމަށެވެ. އެއާއެކު ގައުމުގެ ކުރިމަގަށްޓަކައި ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހްގީގުގެ އިންސާފުވެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ޒުވާނުން ކުރި އިހްތިޖާޖަށް އަލިއަޅުވާލައްވައި، ސިޔާސީ ފަރާތްތަކުން ޒުވާނުންގެ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ގައުމުގައި ހަމަނުޖެހުން ހިންގުމުގެ ފުރުސަތު ދިނުމަށް ޒުވާނުން ބޭނުން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ގައުމުގަ ހަމަޖެހުން އޮތުމަކީ އިންޑިވިޖުއަލީ ކޮންމެ މީހަކަށް ވެސް އެންމެ މުހިންމުވާނެ ގޮތޭ، އަދި ޖަމާއީގޮތެއްގަ ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް ވެސް މުހިންމުވާނީ ގައުމުގަ ހަމަޖެހުން އޮވެގެން ކުރިޔަށް ދިއުމޭ،" ރައީސް ވިދާޅުވިއެވެ.