ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް މިރޭ ގެންދަން ތައްޔާރުވެއްޖެއެވެ.

ޔުމްނަށް ފަރުވާ ދޭނެ ކަމަށް ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ހުންނަ ޕަންޓާއީ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލްގެ ލިޔުމުގައިވާ ގޮތުން، ޔުމްނުގެ ބުރަކަށްޓާއި ފައިގެ ކަށިތަކާއި މޭ ކަށިތައް ބިންދައިގެން ގޮސްފައިވެއެވެ.

ޔުމްނުގެ މުޅި ފަރުވާއަށް 250،000ރ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް، މެލޭޝިއާގެ ހޮސްޕިޓަލްގެ ލިޔުމުގައި ވެއެވެ.

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާ އަށް މެލޭޝިއާ އަށް މިރޭ ފުރުވާލަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހުގައެވެ.

ރޭ ޔުމްނުގެ އާއިލާގެ ފަރާތުން ވަޓްސަޕް މެދުވެރިކޮށް ނޫސްވެރިންނަށް ކުރި ކޮންފަރެންސް ކޯލެއްގައި ބުނީ އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް މިހާރު ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

އާއިލާގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދީފައިވަނީ އެ މައުލޫމާތު މީޑިއާތަކަށް ދޭން ޕަވަ އޮފް އެޓާނީ ދީފައިވާކަމަށް ބުނާ، މޫމިން މައުމޫން ކިޔާ މީހެކެވެ.

ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ގިނަ ޒުވާނުން ދަނީ މައްސަލައިގެ ތަހްގީގުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި ވަކި ގޮތަކަށް ފުލުހުން އަމަލުކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ހާދިސާގެ ބައިވަރު ކަންކަން ފޮރުވަން ފުލުހުން މަސައްކަތްކުރާ ކަމަށް ބުނެފައެވެ. މި މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާދިނުމަށް އިހްތިޖާޖުގެ ބައިވެރިން ގޮވާލާފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ޝުޖާއު ވަނީ މިއަދުގެ ވަގުތެއްގައި ފުލުހުންގެ ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.