ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން، ފުލުހުންގެ ހިންގުން ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާ ހަވާލުކޮށްފިއެވެ.

ޝުޖާއު ކޮމިޝަނަރުގެ މަގާމުން އިސްތިއުފާދެއްވާފައިވާ ކަމާއި، އޭނާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅުކުރައްވާފައިވާ ކަން، މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ހާމަކުރައްވައިފައެވެ.

ނަމަވެސް ޝުޖާއު އިސްތިއުފާ ހުށަހެޅުއްވި ސަބަބެއް ހާމަ ނުކުރައްވައެވެ

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، ކޮމިޝަނަރުގެ މަގާމުން ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެން، ފުލުހުންގެ ގާނޫނުގެ ދަށުން ކޮމިޝަނަރުގެ އެންމެހާ މަސްއޫލިއްޔަތުތަކެއް ފަރުހާދާ ވަނީ ހަވާލުކޮށްފައެވެ.

ޝުޖާއު އިސްތިއުފާ ދެއްވަން ނިންމެވީ، ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހްގީގުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި ބާއްވަމުންދާ ސިލްސިލާ އިހްތިޖާޖުތަކުގައި ޝުޖާއުގެ އިސްތިއުފާ އަށް ގޮވަމުންދަނިކޮށެވެ.